ޑޮމެސްޓިކް ފްލައިޓް ދަތުރެއްގެ މަތީ އިންދާ ވިހައެއްގެ އަސަރުކޮށް ކޯމާއަކަށް ދިޔަތާ 4 ހަފުތާއެއްހާ ދުވަސް ފަހުން، ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ހޭ އަރައިފިއެވެ.

ޖަރުމަނުވިލާތުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ނަވާލްނީ ވަނީ، އޭނާ މިހާރު ނޭވާލަމުން ދަނީ މެޝިންގެ އެހީއާ ނުލާ ކަމަށް ބުނެ، ޕޯސްޓެއް ކޮށްފައެވެ. މިއަދު އިންސްޓަގްރާމަށް ދޫކޮށްލި ޕޯސްޓެއްގައި ނަވާލްނީ ބުނީ، މުޅި ދުވަހުވެސް އޭނާ ނޭވާލީ މެޝިންގެ އެހީއާއި ނުލާ ކަމަށާ، ނަމަވެސް އަދިވެސް މާ ބޮޑު ހަރަކާތްތަކެއް ނުކުރެވޭ ކަމަށެވެ.

ނަވާލްނީ ވިހަވީ، ރަޝިއާގެ ޑޮމެސްޓިކް ފްލައިޓަކަށް އެރުމުގެ ކުރިން އޭނާ ބުއި ސައިތައްޓަކަށް ވިހަލާފައި ހުރުމުގެ ސަބަބުން ކަމަށް އޭނާގެ ސަޕޯޓަރުން ބުނާއިރު، އޭނާއަށް މިހާރު ފަރުވާ ދެމުންދާ ޖަރުމަނުވިލާތުގެ އަސްކަރީ ލެބަކުން ވަނީ، ނަވާލްވީއަށް ނޯވިޗޯކް ވިހަ ދީފައި ވާކަމަށް ބުނެއެވެ. މިއީ ރަޝިއާގެ ޖާސޫސް ސަރްގޭއި ސްކްރިޕާލްއާއި އޭނާގެ އަންހެން ދަރިފުޅަށް އިނގިރޭސިވިލާތުގައި 2018 ވަނަ އަހަރު ދިން ވިހައެކެވެ.

ޖަރުމަނުވިލާތުގެ ސަރުކާރުން ހޯމަ ދުވަހު ބުނީ، އެ ގައުމުގެ ހޯދުންތަކަކީ، ފަރަންސޭވިލާތާއި ސްވީޑަންއިންވެސް ފެނުނު ހެކިތަކަށް ބާރުދޭ ނަތީޖާތަކެއް ކަމަށެވެ.

ނަވާލްނީއަށް ވިހައެއް ދިނުމުގައި ސަރުކާރުގެ އަތެއް ނުވާނެ ކަމަށް ރަޝިއާ ސަރުކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް، ކަމާ ބެހޭ ބައިނަލްއަގުވާމީ އިދާރާތަކާ މުއައްސަސާތަކުން ދަނީ، މިހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ޑިމާންޑް ކުރަމުންނެވެ.