އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލި ނަމަވެސް ރާއްޖެއަަށް ލިބޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިންޑިއާއިން ފިޔާ އެކްސްޕޯޓްކުރުން މަނާކުރިނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން، ނިމިދިޔަ މަހު އިންޑިއާއިން އާކޮށްދީފައިވާ ކޯޓާއާ އެއްގޮތަށް، މެދުނުކެނޑި އަދި ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ ލިބޭނެ ކަމަށެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ކެއުންތަކުގެ އަސާސް ކަމަށްވާ ފިޔާ އެކްސްޕޯޓް ކުރުން މިހާރުން މިހާރަށް މަޑުޖައްސާލުމަށް، ނިންމީ އެ ގައުމުގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވަމުންދާތީ ކަމަށް ހަބަރު ލިބެއެވެ. އެގޮތުން އިންޑިއާގެ އެތެރޭގެ ބާޒާރުތަކަށް ފިޔާ ލިބުން ދަތިވެ، އަގުތައް އުފެލެމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. އަދު ތަހައްމަލު ކުރަމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އިންޑިއާއިން ގިނަ އަދަދެއްގެ ފިޔާ އެކްސްޕޯޓް ކޮށްފައި ވާއިރު، މޫސުމާ ދިމާކޮށްވެސް އިންޑިއާއަށް ފިޔާގެ ދަތިކަން ކުރިމަތިވެއެވެ.

އެކްސްޕޯޓް ކުރުން މަޑުޖައްސާލި ބްރޭންޑްތަކުގެތެރޭގައި ބެންގަލޫރު ރޯސް އަދި ކްރިޝްނަޕޫރަމް އަނިއަން އޭ ކިއާ ޒާތުގެ ފިޔާ ހިމެނެއެވެ. މިއީ އިތުރު އެއްވެސް އަގަކާ ނުލާ އިންޑިއާއިން މީގެ ކުރިން އެކްސްޕޯޓް ކުރަމުންދިޔަ ބާވަތްތަކެކެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރާ ބޮޑެތި މާކެޓްތަކުގެ ތެރޭގައި ބަންގްލަދޭޝް، މެލޭޝިއާ، އެކުވެރި އަރަބި އިމާރާތް އަދި ސްރީލަންކާ ހިމެނެއެވެ.

2019 ވަނަ އަހަރުވެސް އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަޑުޖައްސާލިއެވެ. އެގޮތުން، އެންމެ ކުޑަކޮށް މުދާ އެކްސްޕޯޓް ކުރެވޭނެ އަގުތަކުގެ ލިސްޓުގައި ފިޔާ ހިމެނިއެވެ. އެ ނިންމުމަށް ބަދަލު ގެނެސް، އެއްވެސް އަގަކާ ނުލާ ފިޔާ އެކްސްޕޯޓް ކުރެވޭ ގޮތަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ނިންމީ މިއަހަރުގެ މާޗް މަހުއެވެ.

އިންޑިއާއިން އަނެއްކާވެސް ފިޔާ އެކްސްޕޯޓް ކުރުން މަޑުޖައްސާލި ނަމަވެސް، ކޮށާފައި ހުންނަ ފިޔާގެ އިތުރުން ޕައުޑަރަށް ހަދާފައި ހުންނަ ފިޔާގެ އުފެއްދުންތައް އެކްސްޕޯޓް ކުރެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.