ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލަރުން ސަސްޕެންޑްކުރި އުސޫލު ހައި ކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

ހައި ކޯޓުން ކުރި ހުކުމުގައިވަނީ އެ އުސޫލު އެލްޖީއޭއިން އެކުލަވާލާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލު ހިންގުމުގެ ގާނޫނުގެ 149 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އެގޮތުން ގާނޫނުގެ އެ މާއްދާއަކީ ދެ ކައުންސިލެއްގެ ދެމެދުގައި މެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެލްޖީއޭއިން ގޮތެއް ނިންމަންޖެހޭ ކަމަށް ބުނާ މާއްދާއެއް ކަމަށާއި އެ މާއްދާއަކީ ކައުންސިލްތަކާ މެދު ފިޔަވަޅު އެޅުމާ ބެހޭ މާއްދާއެއް ކަމަށް ނުވާތީ އެއީ ގާނޫނީ އިމުން ބޭރުން އެލްޖީއޭއިން އެކުލަވާލި އުސޫލެއް ކަމަށް އެ ހުކުމުގައިވެއެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އެ އުސޫލަކީ ގާނޫނީ ބާރު ލިބިގެން ހަދާފައިވާ އުސޫލަކަށް ނުވާތީ އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާ ގަވާއިދުތަކުގައި ފުރިހަމަވާން ޖެހޭ ޝަރުތުތައް ފުރިހަމަނުވާ އުސޫލަކަށް ވާތީ އެ އުސޫލު ވަނީ ބާތިލްކޮށްފައެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު ހާތިފް ހިލްމީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއެވެ.