އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުން، ހަސަން ލަތީފް ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން އެދިވަޑައިގެންފިއެވެ.

ޝުއައިބު މިއަދު ރައީސް ސޯލިހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެމްޑީޕީގެ ފަރާތުން ކަނޑައެޅި ރިޔާސީ ކެންޑިޓޭޑް އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވަނިކޮށް (ޕާޓީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާ) އަށް އަމަލު ނުކޮށް އެމާއްދާ ބަލައިނުގަނެ އެމްޑީޕީއަށް ނިސްބަތްވާ ރައީސް ސޯލިހާ ދެކޮޅަށް ހަސަން ލަތީފް ހިމޭން ބަޣާވާތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގެ 75 ވަނަ މާއްދާގައިވާ ގޮތުން ޕާޓީގެ އެންމެ އިސްފަރާތަކީ އެއިރެއްގައި ހުރި ރައީސްއަކީ ޕާޓީއަށް ނިސްބަތްވާ މީހެއްނަމަ، ޕާޓީގެ އެންމެ އިސް ފަރާތަކީ އެއީއެވެ. ނަމަވެސް، އެމްޑީޕީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށް ހަސަން ލަތީފު، ޝުއައިބަށް ފޮނުއްވި ސިޓީއެއްގައި ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

ޝުއައިބު ވިދާޅުވީ، ހަސަން ލަތީފަކީ، ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ޒިންމާދާރު މަގާމެއްގައި ހުންނެވި ފަރާތެއް ކަމަށްވެފައި، ޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސް ސޯލިހް ކަން ގަބޫލުނުކުރައްވާ ހިނދު މިކަމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއްކަމުގައި ދެކޭ ކަމަށެވެ.

އެހެންކަމުން ސަރުކާރާ ރައީސް ސޯލިހާމެދު ދޮގު ވާހަކަތަށް ފަތުރަމުންދާ ވަގުތެއްގައި ޕާޓީގެ އިސްލީޑަރު ނަފީކޮށް ދޮގުން އެހެން މާއްދާއަކަށް ރިޔާއަތްކޮށް ޕާޓީގެ އިސްލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ހަސަން ލަތީފް މިހާރުން މިހާރަށް މަގާމުން ދުރުކޮށްދެއްވުމަށް ޝުއައިބު ވަނީ އެދިވަޑައިގެންފައެވެ.

އެމްޑީޕީ ތެރޭގައި މައްސަލަ ބޮޑުވެފައި ވަނީ އެމްޑީޕީގެ ސްލޮޓްގައި އިކޮނޮމިކް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދަވާ ފައްޔާޒް އިސްމާއިލް މަގާމުން ދުރު ކުރެއްވުމަށް ރައީސް ނަޝީދު އުޅުއްވަމުން ގެންދަވާތީއެވެ. ފައްޔާޒް މަގާމުން ދުރުކުރެއްވުމަށް ނަޝީދު ވަނީ ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފައެވެ. ޖެހިގެން އައި ދުވަހު، ރައީސް ނަޝީދު އެފަދައިން ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވީ އަމިއްލަ މަސްލަހަތު އިސްކޮށް، ޕާޓީގެ ވަސީލަތްތައް ނުހައްގުން ބޭނުން ކުރުމަށް ކަމަށް ވިދާޅުވެ ޝުއައިބު ވަނީ ހަސަން ލަތީފަށް ސިޓީއެއް ފޮނުއްވާފައެވެ.

ނަމަވެސް ޖަވާބުގައި ހަސަން ލަތީފް ވަނީ ރައީސް ނަޝީދު ދިފާއުކޮށް، އެއީ އެ ޕާޓީގެ އެންމެ އިސް ލީޑަރު ކަމަށް ވިދާޅުވެ ޝުއައިބަށް ސިޓީއެއް ފޮނުއްވާފައެވެ. އެއާއެކު، އެމްޑީޕީގެ އެންމ އިސްފަރާތަކީ ކޮބާ ކަމާމެދު ސުވާލު އުފެދުނެވެ. ދެން ޝުއައިބު ވަނީ ޕާޓީގެ ޗެއާޕާސަންކަމުން ހަސަން ލަތީފް ވަކި ކުރުމަށް އެދި ރައީސް ސޯލިހަށް ސިޓީއެއް ފޮނުއްވާފައެވެ.