ރާއްޖެއާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެ ގައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވޯކެއް އެކުލަވާލައިފިއެވެ.

"ފްރޭމްވޯކް ފޯ ޔޫއެސް ޑިޕާޓްމަންޓް އޮފް ޑިފެންސް -މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް - ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް"ގެ ނަމުގައި އެކުލަވާލާފައިވާ މިފްރޭމްވޯކާ ބެހޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައި ވަނީ، މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ، ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ވާނާ އެވެ.

މިކަމަށްޓަކައި އެމެރިކާގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު މާރިޔާ ވަނީ، މި ފްރޭމްވޯކްގެ ސަބަބުން، ދިފާއީ އަދި ސަލާމަތީ ކަންކަމުގައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރުބާރެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރު މާރިޔާ ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާއިރު، ކޮވިޑް-19ގެ މި ހާލަތުގައި ވެސް، ކަނޑު ފޭރުމާއި ނިރުބަވެރިކަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ، ރާއްޖެއިން ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، ބައިނަލްއަގްވާމީ ގޮތުންނާއި ސަރަހައްދީގޮތުން، ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ދެގައުމުގެ ސަރުކާރުގެ ދެމެދު މަޝްވަރާ ކޮށްގެން ކުރިއަށް ދިޔުން މުހިންމުކަމަށް މާރިއާ ފާހަގަކުރެއްވިއެވެ.

މި ފްރޭމްވަރކްގެ ދަށުން، ދެގައުމުގެ ދިފާއީ ވުޒާރާއިން ގުޅިގެން، އިތުރު ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި، ދެގައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި، ރާއްޖޭގެ ދިފާއީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ހަރަކާތްތައް ހިންގުމަށް ފުރުސަތު ތަނަވަސްކުރުމާއި، މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުން ހިމެނެއެވެ. އަދި ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި، ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ވެސ ްމީގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓަރު މާރިޔާ މިވަގުތު ހުންނެވީ އަމިއްލަ ދަތުރުފުޅެއްގައި އެމެރިކާގައެވެ. މި ދަތުރުފުޅަށް ދިވެހިސަރުކާރުން އެއްވެސް ހަރަދެއް ކޮށްފައެއް ނުވާ ކަމަށް ޑިފެންސް މިނިސްޓްރީ މައުލޫމާތުދެއެވެ.