ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން 8 އަހަރު ކަމަށް ހަމަޖައްސައިފިއެވެ.

ސަރުކާރު ސްކޫލުތަކުގައި ޕްރިންސިޕަލުން ވަޒީފާއަދާކުރާ ސްކޫލު ކަނޑައަޅާނެ އުސޫލެއް އިއްޔެ އާއްމުކޮށްފައިވާއިރު އެ އުސޫލުގައި ބުނާ ގޮތުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާ ސްކޫލު ކަނޑައެޅުމުގެ އުސޫލެއް ހެދީ ސަރުކާރުގެ ސްކޫލުތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ސްކޫލުތަކަށް އެންމެ އެކަށީގެންވާ ގާބިލް ޕްރިންސިޕަލުން އައްޔަންކުރުމަށެވެ.

އޭގެ އިތުރުން ދިގު މުއްދަތަކަށް އެއް ސްކޫލެއްގައި ޕްރިންސިޕަލުން ތިބުމުން ދިމާވާ ބައެއް ނޭދެވޭ މައްސަލަތަކަށް ހައްލު ހޯދުމުގެ މަގުސަދުގައި ކަމަށެވެ.

ޕްރިންސިޕަލުންގެ މަގާމަށް ހޮވާ ފަރާތެއް ކަނޑައަޅާނީ "ތައުލީމީ ދާއިރާގެ ފަންނީ މަގާމުތަކަށް މީހުން ހޮވުމުގައި މާކުސް ދިނުމުގެ އުސޫލު"ގައި ބަޔާންކުރާ މިންގަނޑާ އެއްގޮތަށް ކަމަށާއި އަދި އެ މަގާމަކީ ސިވިލް ސާވިސް ކޮމިޝަންގެ "ދާއިމީ" ގިންތީގައި ހިމެނޭ މަގާމަކަށްވާތީ އެ މުވައްޒަފުންނާ މެދު އަމަލުކުރެވޭނީ ސިވިލް ސާވިސް ގަވައިދުގެ ތެރެއިން އެ ގިންތީގެ މުވައްޒަފުންނާ މެދު އަމަލުކުރާ ގޮތަށް ކަމަށް އުސޫލުގައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އެ އުސޫލު އާއްމުކުރީ އިއްޔެ ނަމަވެސް އުސޫލުގެ ތާރީހެއް ކަމަށް ޖަހާފައިވަނީ ޖެނުއަރީ 16، 2020 އެވެ.

މީގެ ކުރިން އޮންނަ ގޮތުނަ ނަމަ ޕްރިންސިޕަލަކަށް އެއް ސްކޫލެއްގައި ކިތަންމެ ދުވަހެއް ވަންދެން ވެސް މަސައްކަތްކުރެވޭނެއެވެ.