ހއ.ދިއްދޫ ހޯމް ކަރަންޓީނުގައި ހުރި އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

'ދަ ޕްރެސް' އަށް އެކަން އެޗްއީއޯސީން ކަށަވަރުކޮށްދީފައިވާއިރު ޕޮޒިޓިވް ވެފައިވަނީ 22 އަހަރުގެ އަންހެނަކު ކަމަށް އެޗްއޯސީން ވަނީ ބުނެފައެވެ.

އެމީހާ ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ ފުރަބަންދު ކަރަންޓީނު ނިންމުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ.

ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. އަތޮޅުން މިލަންދޫ ފީވަށް، ނ. އަތޮޅުން މިލަދޫއާއި ކުޑަފަރިއާއި މާޅެންދޫ، ރ. އަތޮޅުން ރަސްމާދުއާއި އިނގުރައިދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ޅ. އަތޮޅުން ނައިފަރާއި ކުރެންދޫއާއި ކ. އަތޮޅުން ހިންމަފުށި، އއ އަތޮޅުން މަތިވެރި، ފ. އަތޮޅުން ބިލެއްދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫ، ލ. ފޮނަދޫ އާއި ގަން، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ގަން އެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އާއި ގދ. މަޑަވެލި އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ސަރަހައްދީ ކޮވިޑް ފެސިލިޓީތަކުގެ ތެރެއިން އެކްޓިވް ކޭސްތަކަށް ފަރުވާ ދެމުން ދަނީ ބ އަތޮޅު ކޮވިޑް ފެސިލިޓީ އާއި ލ ގަން ކޮވިޑް ފެސިލިޓީގެ އިތުރުން ގއ. ވިލިގިނލި ކޮވިޑް ފެސިލިޓީއެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި ވެފައިވަނީ 66 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 16 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 63 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 3 މީހެކެވެ.

އިއްޔެ ޕޮޒިޓިވްވި 66 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8900 އަށް އަރާފައެވެ. އެބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 6559 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 31 މީހަކު ވަނީ ނިޔާވެފައެވެ.