ހއ. ކެލާގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ކެލާ ކައުންސިލުން ބުނީ ހޯމް ކަރަންޓީންގައި ހުރި 5 މީހެއްގެ ސާމްޕަލްގެ ތެރެއިން އެކަކުގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެޗްއީއޯސީން ބުނީ ޕޮޒިޓިވް ވެފައިވަނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މީގެ ކުރިން ސަވާރީ ބޯޓް ކޭސް އާ ގުޅިގެން ކެލައިން ވަނީ 10 މީހުން ޕޮޒިޓިވް ވެފައެވެ.

ކެލައިން އަނެއްކާވެސް ޕޮޒިޓިވް ކޭސް އެއް ފެނިފައިވާއިރު 14 ގެއެއް ވަނީ ކަރަންޓީން ކޮށްފައެވެ.

ކެލައަށް ނިސްބަތްވާ އުމުރުން 58 އަހަރުގެ މީހަކު މިދިޔަ އަންގާރަ ދުވަހު ކޮވިޑް ބަލީގައި މަރުވެފައިވެސް ވެއެވެ. އޭނާ މަރުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައެވެ. އަދި އެމަރަކީ ކޮވިޑް މަރެއްކަމަށް އެޗްޕީއޭ ވަނީ ނިންމީ މަރުވި ފަހުންނެވެ.

ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވި ވެފައިވަނީ 66 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 50 ދިވެހިންނާއި 16 ބިދޭސީން ކަމަށެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 63 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 3 މީހެކެވެ.

އިއްޔެ ޕޮޒިޓިވްވި 66 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8900 އަށް އަރާފައެވެ. އެބަލިން ރަނގަޅުވި ޖުމްލަ މީހުންގެ އަދަދު ވަނީ 6559 އަށް އަރާފައެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 31 މީހަކު ވަނީ ނިޔާވެފައެވެ.