ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަން ފަށައިފިއެވެ.
އޭސީސީއިން ބުނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓްގައި ހުރި މައްސަލަތަކެއް އެ ކޮމިޝަނުން ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އަށް މައްސަލައެއް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އެ މައްސަލަތައް ތަހުގީގު ކުރަމުން ދަނިކޮށް، އިތުރު ކަންތައްތަތަކެއް ފާހަގަކޮށް ސެޕްޓެމްބަރު 7 ގައި އަމިއްލަ ފަރާތަކުން މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ މައްސަލަތައް ވެސް ތަހުގީގު ކުރަމުން އަންނަ ކަން އެކޮމިޝަނުން ވަނީ ބުނެފައެވެ.
އަމިއްލަ ފަރާތަކުން ހުށަހަޅާފައިވަނީ އަލީ ވަހީދަށާއި މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ތުހުމަތުތަކެއް ކޮށް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓް އާންމު ކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހެވެ.
ކޮވިޑާ ގުޅިގެން ޓޫރިޒަމް ޓްރަސްޓް ފަންޑުން ޖުމްލަ 26.2 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވާއިރު، އޭގެ 99 ޕަސަންޓަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ކުރަން ޖެހޭ ހަރަދުތަކެއް ނޫން ކަމަށް އެ ރިޕޯޓުގައި ވެއެވެ. އެ އޮޑިޓުގައި ފާހަގަ ކޮށްފައި ވާ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ވަނީ އެ މިނިސްޓްރީގެ މެންޑޭޓުގައި ނުވާ، އަދި ސީދާ އެހެން މިނިސްޓްރީ ތަކުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަންކަމަށް ބޮޑެތި ހަރަދުތައް ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާ ކުރައްވައިފައި ވާ ކަމުގެ ޝަކުވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން، އޭނާ މަގާމުން ވަނީ ވަކިކޮށްފައެވެ.