މިޔަންމާގެ ރާހީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާ ރޭޕުގެ ކުރުމުގެ ޖަރީމާ ހިންގުމަށް، މިޔަންމާގެ އަސްކަރިއްޔާއަށް އޯޑަރު ދިން ކަމަށް، އަސްކަރިއްޔާ ދޫކޮށް ފިލާފައިވާ 2 މީހަކު ވީޑިއޯ މެދުވެރިކޮށް އިއުތިރާފުވެފައި ވާ ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްޔާއަކުން ބުނެފިއެވެ.

މި ވީޑީއޯގައި އަސްކަރިއްޔާގެ މެމްބަރުން ދެއްކި ވާހަކަތަކާ، ގަތުލުއާންމަށް ފިލި މީހުންގެ ތެރެއިން ސަލާމަތްވި މީހުން ދެއްކި ވާހަކަތަކާ ދިމާވާކަމަށް ސީއެންއެންއިން ވަނީ ރިޕޯޓް ކޮށްފައެވެ. މިއީ ސައްހަ ވީޑީއޯތަކަކަށް ވަނީނަމަ، މި ވީޑިއޯގައި ދީފައިވާ ބަޔާންތައް ވާނީ، ރާހީން ސްޓޭޓްގައި ހިންގި ޖަރީމާތަކަށް މިޔަންމާގެ ސިފައިންގެ މީހުން އިއުތިރާފުވި ފުރަތަމަ ބަޔާނަށެވެ.

ގަތުލުއާންމާއި ރޭޕްގެ ޖަރީމާ ހިންގުމަށް އޯޑަރު ދިން ކަމަށް އިއުތިރާފުވެފައިވަނީ ޕްރައިވެޓް މިޔޯ ވިން ތުންއާއި ޕްރައިވެޓް ޒޯ ނާއިންގް ތުންއެވެ. ޖުލައި މަހު ދީފައިވާކަމަށް ބުނާ ބަޔާންތައް ރެކޯޑް ކޮށްފައިވަނީ އަރަކަން އާމީއިންނެވެ. އަރަކަން އާމީއަކީ، މިޔަންމާގެ އަސްކަރިއްޔާއާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަތިޔާރުއެޅި ޖަމާއަތެކެވެ. އަރަކަން އާމީއިން ރެކޯޑް ކުރި މަންޒަރުތައް އާންމުކޮށްފައިވަނީ، ފޯޓިފައި ރައިޓްސްގެ ނަމުގައި ހަރަކާތްތެރިވާ އެންޖީއޯއަކުން ކަމަށްވާއިރު، އެ ޖަމިއްޔާއިން ވަނީ، ވީޑިއޯގެ ސައްހަކަން ކަށަވަރުވާކަމަށް ބުނެފައެވެ.

ޕްރައިވެޓް މިޔޯ ވިން ތުން ދިފައިވާ ބަޔާނުގައި ބުނެފައިވަނީ މުސްލިމުންގެ އަވަށްތައް ސުންނާފަތި ކޮށްފައި ވާނެ ކަމަށެވެ. ރޭގަނޑުގެ ވަގުތުގައި ހިންގާ އޮޕަރޭޝަންތަކުގައި، ފެންނަ ކޮންމެ އެއްޗަކާ އިވޭ ކޮންމެ އަޑަކާ ދިމާލަށް ހަމަލާ ދެއެވެ. އަދި އެއް ވަޅުގަނޑެއްގައި 30 މީހުންގެ ހަށިގަނޑު ވަޅުލާފައިވާނެ ކަމަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ. މީގެ އިތުރުން އަންހެނުނަށް ބަޑިން ހަމަލާދީ، މަރާލުމުގެ ކުރިން ރޭޕްކުރާކަމަށްވެސް އޭނާ ވަނީ ހާމަކޮށްފައެވެ.

ރޯހިންޏާ ރެފިއުޖީންނާ ދެކޮޅަށް މިޔަންމާއިން ހިންގި ގަތުލުއާންމަށް މިޔަންމާ ސަރުކާރުން ދަނީ އިންކާރު ކުރަމުންނެވެ. އަދި މިޔަންމާއާއި ދެކޮޅަށް އުފުލާފައިވާ ދައުވާއަކީ ހަގީގަތް އޮޅޭ ގޮތަށް އޮތް ދައުވާއެއް ކަމަށްވެސް މިޔަންމާގެ ސަރުކާރުން ވަނީ ބުނެފައެވެ. މިޔަންމާއިން ބުނާ ގޮތުގައި ރާހީން ސްޓޭޓްގައި ހިނގާދިޔައި ސައްހަ އިމުގެ ތެރެއިން ހިނގާދިޔަ ކަންތައްތަކެކެވެ.

މިޔަންމާ ސަރުކާރުން ގަބޫލުކުރާ ގޮތުގައި އެ ގައުމުގައި ދިރިއުޅެމުންދާ ގާތްގަނޑަކަށް މިލިއަނެއްހާ ރޯހިންޏާ މީހުންނަކީ، ބަންގްލަދޭޝްއިން ގަވައިދާ ހިލާފަށް އެތެރެވެފައިވާ ބައެކެވެ. ނަމަވެސް، ބަންގްލަދޭޝްއިންވެސް ރޯހިންޏާ ދަރިކޮޅުގެ މީހުންނަށް ދެނީ ރެފިއުޖީންގެ ދަރަޖައެވެ.