ހޮސްޕިޓަލަށް ޒިޔާރަތް ކޮށްގެން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އަށް ހުށަހެޅި، އެ ބައްޔަށް އިންފެކްޓްވުމަށް އޮތީ، އާންމުންގެ ބައެއް މީހުންނަށް ހީކުރެވިފައިވާ މިންވަރަށްވުރެ ހަނި ފުރުސަތެއް ކަމަށް، ޖާމާ ނެޓްވޯކް އޯޕަންގައި އާންމުކުރި ދިރާސާއެއް ބުނެފިއެވެ.

ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮވިޑް-19 ޖެހިދާނެ ކަމުގެ ބިރަށް، އަސާސީ ސިއްހީ ފަރުވާ ހޯދަން ހޮސްޕިޓަލުތަކަށް ދިއުމަށްވެސް ގިނަ ބަޔަކު ފަސްޖެހެއެވެ.

ހާވަޑް މެޑިކަލް ސްކޫލްގެ ޑިޕާޓްމަންޓް އޮފް ޕޮޕިއުލޭޝަން މެޑިސިން އަދި ހާވަޑް ޕިލްގްރިމް ހެލްތް އިންސްޓިޓިއުޓް ގެ ދިރާސާ ޓީމުން ބުނާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ފުރަތަމަ 12 ހަފުތާގައި، ދިރާސާކުރި ހޮސްޕިޓަލުގައި 9000 އަށް ވުރެ ގިނަ ޕޭޝަންޓުންނަށް ފަރުވާ ދިނެވެ. މީގެ ތެރެއިން 700 މީހުންނަކީ ކޮވިޑް-19ގެ އަސަރު ހުރި މީހުން ކަމަށް ލަފާކޮށްފައިވެއެވެ. ކޮވިޑް-19ގެ ސަބަބުން ހޮސްޕިޓަލަށް ކިތަންމެ ބާރު ބޮޑުވެގެން ދިޔަ ކަމުގައި ވީ ނަމަވެސް، މިމުއްދަތުގެ ތެރޭގައި ހޮސްޕިޓަލު ތެރެއިން ވައިރަހުގެ އަސަރުކޮށް، ބައްޔަށް އިންފެކްޓްވީ އެންމެ 2 ޕޭޝަންޓުން ކަމަށްވެސް ދިރާސާ ޓީމުން ވަނީ ފާހަގަކޮށްފައެވެ.

2019-އެންކޯވްއަށް ފަރުވާ ދިނުމަށް އިންޑިއާގެ ހޮސްޕިޓަލެއްގައި ހާއްސަކޮށްފައިވާ އައިސޮލޭޝަން ވޯޑެއްގައި ސިއްހީ މުވައްޒަފުން ހަރަކާތެރިވަނީ/ފޮޓޯ: އޭއެންއައި

މި ދިރާސާއަށް މައުލޫމާތު އެއްކޮށްފައި ވަނީ މާޗް 7 ވަނަ ދުވަހާ މެއި 30 ވަނަ ދުވަހާ ދެމެދު، ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުގައި އެޑްމިޓްކުރި 9149 ޕޭޝަންޓުންގެ ފަރާތުންނެވެ. ކޮވިޑް-19އާއި ބެހޭ މައުލޫމާތު އެއްކުރީ، ހޮސްޕިޓަލުގައި އެޑްމިޓްކުރި ފުރަތަމަ 3 ދުވަސް ނުވަތަ އޭގެ ފަހުގެ ދުވަސްތަކެއްގައި ސާމްޕަލް ނަގައިގެން، ނުވަތަ ހޮސްޕިޓަލުން ދޫކޮށްލި ފަހުން 14 ދުވަހުގެ މުއްދަތުގައި ސާމްޕަލް ނަގައިގެންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ 3 ނުވަތަ އޭގެ ފަހު ދުވަސްތަކުން ދުވަހެއްގައި ސާމްޕަލް ނެގި މީހުންގެ ތެރެއިން 697 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށް ދެއްކިއެވެ.

ހޮސްޕިޓަލު ތެރެއިން ކޮވިޑް-19 ޖެހުނުކަން ކަށަވަރު ވެފައިވާ ހަމައެކަނި ޕޭޝަންޓަށް އެ ބަލި ޖެހުނު ކަމަށް އެންމެ ބޮޑަށް ބެލެވެނީ، ހޮސްޕިޓަލުގައި އޮތް ޕޭޝަންޓުގެ ގާތަށް، ގަވައިދުން ކޮންމެ ދުވަހަކުވެސް ޒިޔާރަތް ކުރަމުންދިޔަ ހަޔާތުގެ ބައިވެރިޔާގެ ކިބައިން ކަމަށް ދިރާސާ ޓީމުން ބުނެއެވެ. ޕޭޝަންޓުގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންނަން ފެށީ ހަފުތާއެއްހާ ދުވަސް ފަހުން ކަމަށްވެއެވެ. މި ކޭހަކީ، ހޮސްޕިޓަލަށް ޒިޔާރަތް ކުރުން މަނާ ކުރުމުގެ ކުރިން ފެންމަތިވި ކޭހެއް ކަންވެސް ދިރާސާ ޓީމުން ފާހަގަކުރެއެވެ.

އިތުރު އެއްވެސް މީހަކަށް ހުށަހެޅުއްމެއް ނެތި، ހޮސްޕިޓަލު ތެރެއިން ވައިރަހަށް އިންފެކްޓްވީ އެންމެ ޕޭޝަންޓެއް ކަމަށްވެސް ދިރާސާ ޓީމުން ބުނެއެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19އަށް ހާއްސަކޮށްގެން އަޅާފައިވާ ވަގުތީ ހޮސްޕިޓަލެއްގައި އަސްކަރިއްޔާގެ 2 މެމްބަރަކު މަޑުކޮށްލައިގެން/ފޮޓޯ: ގެޓީ އިމޭޖަޒް

އިތުރު 11 ޕޭޝަންޓަކަށް ވައިރަހުގެ އަސަރު ކޮށްފައިވަނީ ކޮމިއުނިޓީ ޓްރާންސްފާއެއްގެ ތެރެއިން ކަމަށް ޔަގީނާ ގާތަށް ގަބޫލު ކުރެވޭ ކަމަށްވެސް ދިރާސާ ޓީމުން ބުނެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވް ވެދާނެ ކަމުގެ ބިރަށް، ގިނަ އަދަދެއްގެ ބަޔަކު ހޮސްޕިޓަލުތަކަށް ނުގޮސް ވޭތޯ ބަލާއިރު، މިއީވެސް ސިއްހީ ރޮނގުން ދުނިޔެ ހޯދި ކުރިއެރުންތަކަށް އެރި ބުރުލެއް ކަމަށް ދެންނެވިދާނެއެވެ. ހޮސްޕިޓަލުތަކުގެ ވަސީލަތްތައް ކޮވިޑް-19އާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކަށް މުޅިންހެން ހުސްކޮށްލުމުގެ މައްސަލައަކީ އަދި ތަފާތު މައްސަލައެކެވެ.