އޮސްޓްރޭލިއާގެ ކުއީންސްލަންޑްގެ ގޯލްޑް ކޯސްޓްގެ އައްސޭރިފަށުގެ ސަރަހައްދުގައި މޫދަށް އެރި އުޅުނު މީހަކަށް މިޔަރެއް ހަމަލާދީ، މަރާލައިފިއެވެ.

މިއީ ގޯލްޑް ކޯސްޓްގެ ގޮނޑުދޮށްތަކުގައި، ފާއިތުވީ 60 އަހަރު ދުވަހުގެ ތެރޭގައި ހިނގި މިފަދަ ފުރަތަމަ ހާދިސާއެވެ.

ގޯލްޑް ކޯސްޓްގެ ގްރީންމައުންޓް ބީޗް ސަރަހައްދުގައި ހިނގި މި ހަދިސާގައި މަރުވެފައިވަނީ، އުމުރުން 46 އަހަރުގެ، ނިކް ސްލޭޓާ ނަމަކަށް ކިއާ މީހެކެވެ. ރާޅާއަޅާ މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ގްރީންމައުންޓް ބީޗް ސަރަހައްދުގެ މޫދުން، މިޔަރު ހަމަލާދީ ފައިވަނީ ސްލޭޓާގެ ފަޔަށް ކަމަށް މައުލޫމާތު ލިބެއެވެ.

މިޔަރުގެ ހަމަލާ އަމާޒުވި ސްލޭޓާ ފެނުނީ، އެ ސަރަހައްދުގައި ރާޅާއަޅަން ތިބި ބަޔަކަށެވެ. މިއާއެކު އޭނާ އެއްގަމަށް ގެނެސް އަވަސް ފަރުވާ ދޭން ފެށި ކަމަށާ، ނަމަވެސް އެ ތަނުގައި އޭނާ މަރުވީ ކަމަށް ޚަބަރު ލިބެއެވެ.

ގޯލްޑް ކޯސްޓް ބީޗް ސަރަހައްދުން މިޔަރު ހަމަލާގައި މަރުވި އުމުރުން 46 އަހަރުގެ، ނިކް ސްލޭޓާ/ފޮޓޯ: ލަންޑަން އެސްޓޭޓް އޭޖެންޓްސް

އޮސްޓްރޭލިއާގެ ކަމާ ބެހޭ ފަރާތްތަކުން މިއަދު ވަނީ ހާދިސާ ހިނގި ހިސާބުގަނޑުން 19 ކިލޯމީޓަރުގެ ސަރަހައްދެއް ބަންދުކޮށްފައެވެ.

ސްލޭޓާއަށް ހަމަލާ ދީފައިވަނީ 3 މީޓަރު ހުންނަ ވަރުގެ ގްރޭޓް ވައިޓް ޝާކެއް ކަމަށް ބެލެވޭއިރު، ގޮނޑުދޮށް ބަންދު ކޮށްފައި ވަނީ، ހެލިކޮޕްޓަރުގެ އެހީގައި، މި މިޔަރު ހޯދުމަށް ކަމަށް މައުލޫމާތު ލިބެއެވެ. ސިޓީ މޭޔަރު ޓޮމް ޓޭޓް ވިދާޅުވީ، އެ ސަރަހައްދުގައި މިޔަރު ނެތްކަން ކަށަވަރު ކުރުމަށްފަހު، ނުވަތަ މިޔަރު ލޮކޭޓް ކުރުމަށްފަހު ގޮނޑުދޮށް ސަރަހައްދު އަލުން ހުޅުވާލާނެ ކަމަށެވެ.

މިޔަރު ހަމަލާގައި މަރުވި ސްލޭޓާއަކީ ރިއަލް އެސްޓޭޓް އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާއަކީ ރާޅާއަޅާ މީހެއްވެސްމެއެވެ. މިޔަރު ހަމަލާ އަމާޒުވިއިރުވެސް އޭނާ އުޅުނީ ރާޅާއަޅަންށެވެ. މަންޒަރު ދުށް މީހަކު ކިޔައިދީފައި ވާ ގޮތުގައި، ސްލޭޓާގެ ފައިގެ ފަލަމަސްގަނޑާ ހިސާބުން އޮތީ، އެކީ އެއްޗަކަށްހެން ކާލާފައެވެ.

ސްލޭޓާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވި ޖޭޑް ޕާކާ ނަމަކަށް ކިއާ މީހަކު ބުނީ، ސްލޭޓާ ގެންގުޅުނު ބޯޑުގައިވެސް މިޔަރު ދަތް އަޅާފައިވާ ބޮޑު ފާހަގައެއް ފެންނަން ހުރި ކަމަށެވެ. ޕާކާ ބުނީ، ބޯޑުގައި މިޔަރު ދަތް އެޅި ސަރަހައްދުގެ ވަށަ މިނުގައި، ބާސްކެޓް ބޯޅައެއްގެ ބޮޑުމިން ހުންނާނެ ކަމަށާ، ފައިބަރު ހަދާފައިވާ އެބޯޑުގައި މިޔަރުގެ ދަތެއްވެސް ހަރުލާ އޮތްކަމަށެވެ.

ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ގޯލްޑް ކޯސްޓްގެ އައްސޭރިފަށުގެ ސަރަހައްދަކީ، ދަލާއި ބުޅިއާއި އެފަދަ ޒާތުގެ ތަކެތި ބޭނުންކޮށްގެން، މިޔަރަށް ނުވަދެވޭނެ ގޮތަށް ފިޔަވަޅުތަކެއްވެސް އަޅާފައިވާ ސަރަހައްދެކެވެ. 1960ގެ އަހަރުތަކުގެ ފަހުން، މި ސަރަހައްދުގައި މިޔަރު ހަމަލާއެއް އަމާޒުވަނީ މަދު ފަހަރަކުއެވެ. އަދި މިއީ 1958 ވަނަ އަހަރަށްފަހު، މިސަރަހައްދުގައި މިޔަރު ހަމަލާއެއްގެ ޝިކާރައަކަށްވެ، މީހަކު މަރުވި ފުރަތަމަ ފަހަރުކަންވެސް ފާހަގަކުރަންޖެހެއެވެ.