ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފައިވިއްދަވައިގެން ހުންނެވި އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި ނައިބު ރައީސް އަދި ރަނިންގް މޭޓް މައިކް ޕެންސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ވެކްސިން، "ސިޔާސީ ހަތިޔާރަކަށް" ހައްދަވާފައި ވާ ކަމަށް، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއާއި ރަނިންގް މޭޓް، ސެނެޓާ ކަމަލާ ހެރިސް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ވެކްސިނާ ގުޅިގެން ޓްރަމްޕާއި ޕެންސަށް ވަރުގަދަ ފާޑުވިދާޅުވުންތަކެއް ބައިޑަންއާއި ހެރިސް އަމާޒު ކުރެއްވީ، ދެ ބޭފުޅުން އެކުގައި ނެރުއްވި، ގުޅިފައިވާ ބަޔާނެއްގައެވެ.

މި ބަޔާނުގައި ބައިޑަންއާއި ހެރިސް ވިދާޅުވީ، ކޮވިޑް-19ގެ ވެކްސިނަކީ ސައެންސްއާއި ދިރާސާގެ އުފެއްދުމެއް ކަމަށް އެ ބޭފުޅުން ގަބޫލުކުރައްވާ ކަމަށެވެ. ވެކްސިނެއް ތަރައްގީ ކުރަން ހޭދަވާ ވަގުތާ، ހުއްދަ ދޫކުރުމާ، ވެކްސިން ފޯރުކޮށްދިނުމަކީ ސިޔާސީ އިމުގެ ތެރެއިން ޖަހާ ހިސާބުތަކަށް ބަރޯސާވާންޖެހޭނެ ކަމެއް ނޫން ކަމަށްވެސް ބައިޑަންއާއި ކަމަލާ ހެރިސްގެ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ކ) އަދި ނައިބު ރައީސް މައިކް ޕެންސް/ފޮޓޯ: އެންވައިޕީ

ކޮވިޑް-19ގެ ބަލިމަޑުކަމަށް އިޖާބަ ދިނުމުގައި އެޅި ކޮންމެ ފިޔަވަޅެއްގައި ޓްރަމްޕްގެ ލީޑާޝިޕް ފެއިލްވެފައި ވާ ކަމަށް ބައިޑަންއާއި ކަމަލާ ހެރިސް ދައުވާ ކުރައްވައެވެ. އަދި ވެކްސިން ތަރައްގީ ކުރުމުގައި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން އަމާޒު ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވެވަޑައިގަތުމަށްވެސް ބައިޑަން ވަނީ ޓްރަމްޕްގެ ސަރުކާރަށް ގޮވާލައްވާފައެވެ.

ޓްރަމްޕް ވަނީ، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ވެކްސިން ލިބިދާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އަދި އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިންވެސް ވަނީ، 3 ވަނަ މަރުހަލާ ފުރިހަމަ ކުރުމުގެ ކުރިން، ވެކްސިން ދޭން ފެށުން އެކަށީގެންވާކަމުގެ ސިގުނަލެއް ދީފައެވެ. ނަމަވެސް ދާއިރާގެ ތަޖުރިބާކާރުން ދަނީ މިކަމާ ދެކޮޅަށް، ފާޅުގައި ވަކާލާތު ކުރަމުންނެވެ.