އައްޑޫ ސިޓީގައި 4 ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފިއެވެ.

ހިމާޔަތްކުރުމަށް ނިންމާފައިވަނީ އައްޑޫ ސިޓީގެ ކޮޑަ ކަނޑަ އާއި ކަނޑިހެރަ، ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅިއާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދެވެ.

މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި 4 ސަރަހައްދަކީ އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް 30 ސެޕްޓެންބަރު 2019 ގައި ޔުނެސްކޯ އަށް ހުށަހެޅިފައިވާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދުތަކެކެވެ.

އައްޑޫ ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް ޔުނެސްކޯއަށް ހުށަހަޅާފައިވަނީ އާންމުންގެ ހިޔާލު ހޯދުމުގެ ސަރވޭއިން އައްޑޫ ސިޓީގެ 97 ޕަސެންޓް ރައްޔިތުން ބޭނުންވާކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު މިއަދު ކަރުދާސް ހުށަހަޅުއްވަމުން ވަނީ ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުތައް ހިމާޔަތްކުރުމަށް ހުށަހެޅީ ކަމާބެހޭ މިނިސްޓްރީތަކާއި، އިދާރާތަކާއި، އެކި ސިނާއަތްތަކާވެސް މަޝްވަރާކުރެއްވުމަށްފަހުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެ ތަންތަން ހިމާޔަތްކުރުމުގެ ކަންކަން ކުރިއަށް ގެންދަވާއިރު، އައްޑޫ ސިޓީގެ ޢުމްރާނީ ތަރައްގީއާ ގުޅޭ މަޝްރޫއުތަކަށް ހުރަސްނޭޅޭނެ ފަދަ ގޮތަކަށް ކަންކަން ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ މަތިން އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 11 ސަރަހައްދަކާއި ފުވައްމުލަކު އިރުދެކުނު ފަރާތުގައިވާ ފަރިކެޑަ ސަރަހައްދު ވަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅުއްވައި ގެޒެޓްކޮށްފައެވެ.