ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ހަވީރު 4:00 އަށް ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

ނަމަވެސް ޑރ. ވަހީދު ފުލުހަށް ހާޒިރު ކުރަނީ ކޮން ކަމަކާ ގުޅިގެން ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ.

މިއަދު ހަވީރު އެމަނިކުފާނު ފުލުހަށް ހާޒިރުވާން އަންގާފައި ވާއިރު މީގެ ކުރިންވެސް ޑރ. ވަހީދު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. އެއީ މިދިޔަ އޮގަސްމަހުގެ 28 ވީ ހުކުރު ދުވަހު ރާއްޖޭގެ އެކި ރަށްރަށާއި މާލޭސިޓީގައި އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖާ ގުޅިގެންނެވެ.

ކުރިން ރައީސް ވަހީދު ފުލުހަށް ހާޒިރު ކުރުމާ ގުޅިގެން ރައީސް ވަހީދު ވިދާޅުވެފައި ވަނީ އިހުތިޖާޖުގައި މާސްކު ތިރިކޮށް ލެއްވީ ވާހަކަ ދައްކަވަން ފަސޭހައަކަށް ކަމަށާއި ފުލުުހުންގެ އިދާރާއަށް ހާޒިރު ކުރުމަކީ ސިޔާސީ ކަމެއް ކަމަށެވެ.

ޕީޕީއެމް އިން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާ ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައި ނުވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.