ދިރާގު ގޭމްހަބް ގެ ނަމުގައި މޮބައިލް ގޭމް ޕްލެޓްފޯމެއް ދިރާގުން ތައާރަފު ކޮށްފިއެވެ.

700 އަށް ވުރެ ގިނަ މޯބައިލް ގޭމްތަކާއެކު ތައާރަފުކުރި އެ ޕްލެޓްފޯމަކީ ސަބްސްކްރިޕްޝަން އެއް ނަގައިގެން ބޭނުން ކުރެވޭނެ ޕްލެޓްފޯމެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގު ގޭމަ ހަބްގެ ސަބްސްކްރިޕްޝަލް ޕޯޓަލް ގާއިމު ކޮށްފައިވަނީ ގޭމްލޮފްޓް އިންނެވެ. ގޭމްލޮފްޓް އަކީ ދުނިޔޭގެ ފެންވަރުގައި މޮބައިލް ގޭމް ޑެވެލޮޕްކުރާ ކުންފުންޔެކެވެ.

ދިރާގު ގޭމްހަބް ދިރާގު ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ހުޅުވާލާފައިވާއިރު ގޭމްހަބް ގެ ސަބްސްކްރިޕްޝަން ދެ ގޮތަކަށް ނެގޭނެ ކަމަށް ދިރާގުން ބުނެއެވެ. އެއީ މަހުން މަހަށް ނޫނިއްޔާ ބޭނުންވާ ހަފްތާ އަކަށް ނަގާގޮތަށެވެ. މަހުން މަހަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ މަހަކު 50 ރުފިޔާއެވެ. ހަފުތާ އަކަށް ސަބްސްކްރައިބް ކުރާނަމަ ދައްކަންޖެހެނީ އެންމެ 20 ރުފިޔާއެވެ.

ދިރާގުން ބުނީ ގޭމްހަބް އަށް ސަބްސްކްރައިބް ކޮށްލުމަށް ދިރާގު ވެބްސައިޓުގައިވާ ގޭމަހަބް ޕޭޖުން ބޭނުންވާ ސަބްސްކްރިޕްޝަން ޕެކޭޖެއް ނެގޭނެ ކަމަށެވެ. އަދި ސަބްކްރައިބް ކުރުމަށްފަހު، އެންޑްރޮއިޑް ކަސްޓަމަރުންނަށް ވަގުތުން ގޭމްތައް ޑައުންލޯޑް ކޮށް ކުޅެވޭނެ ކަމަށާއި އަދި އައިއޯއެސް ކަސްޓަމަރުންނަށް އޮންލައިންކޮށް ހާއްސަ ޕޯޓަލް އެއް މެދުވެރިކޮށް ގޭމް ކުޅެވޭނެ ކަމަށެވެ.

ދިރާގު ގޭމްހަބް ގެ އެންމެ ހާއްސަ ކަމަކީ، ގޭމްހަބްގެ ސަބްސްކްރިޕްޝަންއެއް ނެގުމުން، ގޭމްހަބް ގައި ހިމެނޭ ހުރިހާ ގޭމް ތަކެއް ކުޅުމުގެ ފުރުސަތު ލިބުމުގެ އިތުރުން، އެއްވެސް އިތުރު "އިން އެޕް ޕަޗޭސް" ކުރަން ނުޖެހޭނެތީ ކަމަށް ދިރާގުން ބުނެއެވެ.

ގޭމް ހަބްގައި ތަފާތު ގިނަ ގޭމްތައް ހިމެނެއެވެ. އޭގެ ތެރޭގައި، އެކްޝަން ގޭމްސް، ކުޅިވަރު އަދި ކުޑަ ކުދިންގެ ގޭމް ވެސް ހިމެނެއެވެ.

ދިރާގުގެ އަމާޒަކީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް ޒަމާނީ ހިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. އަދި ދިރާގުން އުންމީދު ކުރަނީ މިއަދު ތައާރަފުކުރި ގޭމްހަބް މެދުވެރިކޮށް ގޭމް ކުޅުމަށް ޝައުގުވެރިވާ ކަސްޓަމަރުންނަށް މޮބައިލް ގޭމް ކުޅުމުގައި އިތުރު ފަސޭހަތަކާއި ފުރިހަމަ ކަމެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.