އިިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ވެއްދުމުގެ ކުރިން، އެމްޑީޕީގެ ގައުމީ މަޖިލިހަށް ވެސް ހުށަހެޅުމުގެ މަސައްކަތް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕްގައި ނަޝީދު މިއަދު ހަވީރު ވަނީ ،މިހާރު ފައްޔާޒާ ދެކޮޅަށް 30 ސޮއި ހަމަ ކުރެއްވިފައި ވާ ކަމަށާއި އަދި 35 ސޮއި ހަމަކުރެއްވުމަށް ފަހު، އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.
ނަޝީދު ވަނީ އެމްޑީޕީގެ ތެރޭގައި ހިނގާ ކަންތައްތައް ޕާޓީގެ ތެރެއިން ނިންމުން ރަނގަޅުވާނެ ކަމަށާއި ފައްޔާޒުު ވެސް ޕާޓީއަށްޓަކައި ދުވަސް ކޮޅަކަށް ބޭރުގައި މަޑުކުރެއްވުން ރަނގަޅުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
އެގޮތުން ފަހަތަށް ޖެހެން ޖެހޭ ފަހަރު އެމަނިކުފާނުވެސް ފަހަތަށް ޖެހިވަޑައިގަންނަވާ ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.
މީގެ ކުރިން އެމްޑީޕީ ތެރޭގައި "ބްރޯ" ހެދިގެން ނޫޅެވޭނެ ކަމަށް ވިދާޅުވެ، ނަޝީދު، ވަނީ ފައްޔާޒު އަށް އިންޒާރު ވެސް ދެއްވާފައެވެ.
ފައްޔާޒުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަށް ކުރިން ކުރެއްވވި މަސައްކަތުގައި ނަޝީދަށް ހަމަ ކުރެއްވުނީ 19 ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ފާސްކުރަން 44 ވޯޓު ބޭނުން ވާއިރު، އެ އަދަދަށް ނަޝީދަށް އަދި ވޯޓު ހަމަކުރެއްވިފައެއްވެސް ނުވެއެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ މައްސަލައިގައި ނަޝީދާ ދެކޮޅަށް ވެސް ނުކުންނަވާފައެވެ. ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ސަބަބެއް މިހާތަނަށް އެކަމުގައި އުޅުއްވާ ބޭފުޅުން ހާމަކުރައްވާފައެއް ނުވެއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި ދާއިރާތަކުގެ ރައްޔިތުން ފާޅުކުރާ ކަންބޮޑުން ތަކާ ގުޅިގެން މަޖިލީހުން އެކަންކަން ކުރިއަށް ދާ، ނުދާ ގޮތް ބައްލަވާ ކަމަށާއި އަދި އެކަމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ހުރިކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން އޭނާއަކީ "ނުބެހޭ ކަންތައްތަކާ ބެހޭ މީހެއް ކަމަށް" ވަރަށް ގިނަ މީހުން ބުނާ ކަމަށާއި އަދި އެއީ ހަގީގަތެއްކަން ފާހަގަކުރައްވާ ފައްޔާޒު ވިދާޅުވީ ބައެއް ދާއިރާތަކުގައި ކަންކަން ނުވެގެން ރައްޔިތުން ނުވަތަ މަޖިލިސް މެމްބަރުން ގުޅުއްވާ ކަމަށެވެ. އަދި އެކަމަކާ ގުޅޭ މިނިސްޓަރުންނަށް އޭނާ ގުޅުއްވައިގެން އެކަމެއް ކޮށްދެވޭނެ ގޮތެއް އޮތްތޯ ބައްލަވާ ކަމަށާއި އަދިވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ މަސައްކަތްތައް އަވަސް ކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އެހެން ވަޒީރުންނާއި ހިއްސާ ކުރެއްވުމަކީ މައްސަލައެއް ނޫން ކަމަށެވެ.
އެކަމާ ގުޅިގެން ރައީސް އިބްރަހީމް މުހައްމަދު ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އިތުބާރު ފައްޔާޒަށް އޮތް ކަމަށެއެވެ. އަދި އޭނާ ދިފާއު ކުރައްވަން ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.