ދިރާގުން 'ސްމާޓްބީންސް އިންކް' އާއި ލިއާ އިންކް ގުޅިގެން ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ކޮންޓެކްޓްލެސް ޑިޖިޓަލް ވޮއިސް އެސިސްޓެންޓް "ވޫހޫ" ތައާރަފުކުރާކަން އެ ކުންފުނިން އިއުލާން ކޮށްފިއެވެ.

ވޫހޫ އަކީ އާޓިފިޝަލް އިންޓަލިޖެންސް ނުވަތަ އޭއައި ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކަސްޓަމަރުން ބޭނުންވާ ކަންތައްތައް "ވޮއިސް ކޮމާންޑް" އަކުން އެއްވެސް މީހަކާ ކޮންޓެކްޓް ނުވެ ކުރެވޭނެ ވަސީލަތެކެވެ. ވޫހޫ އަކީ ހޮސްޕިޓާލިޓީ ދާއިރާއަށް ހާއްސަކޮށް ކަސްޓަމަރުންނާއި ފަތުރުވެރިންނަށް އިތުރު ހިންހަމަ ޖެހުމާއި ރަގަޅު ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ ބޭނުންމުގައި ސިލިކޯން ވެލީގެ ކުންފުންޔެއް ކަމަށްވާ ސްމާޓް ބީންސް އިންކް އިން ތައްޔާރު ކުރި، އެވޯޑް ހާސިލްކޮށްފައިވާ އެންޓަޕްރައިޒް އޭއައި އެސިސްޓެންޓެކެވެ.

ވޫހޫގެ ވޮއިސް އޭއައި އެސިސްޓެންޓުންގެ ސްޕީކާސް (ޖޭބީއެލް އިން ފޯރުކޮށްދީފައިވާ) އިން ގެސްޓުންނަށް ފަސޭހަކަމައެކު ޑިވައިސް އާ ވާހަކަ ދައްކައިގެން ނުވަތަ ވޮއިސް ކޮމާންޑް މެދުވެރުކޮށް ބޭނުންވާ ކަންތައްތައް ކުރެވޭނެއެވެ. މިސާލަކަށް ރޫމް ސާވިސް އަށް އޯޑަރު ކުރުން، މިއުޒިކް، ރޫމްގެ ޓެމްޕަރޭޗަރ ކޮންޓްރޯލް ކޮށް ރިސެޕްޝަންއަށް ގުޅުން ފަދަ ކަންތައްތައް ހިމެނެއެވެ.

ވޫހޫގައި މިހާރު 40 އަށް ވުރެ ގިނަ ހޮސްޕިޓާލިޓީ ސޮލިއުޝަންސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އިން-ރޫމް އޮޓޮމޭޝަން، ހައުސްކީޕިން، ޕްރޮޕާޓީ މެނޭޖްމެންޓް އަދި ޕޮއިންޓް އޮފް ސޭލްސް ފަދަ ހިދުމަތްތައް ހިމެނެއެވެ. ލިއާ އިންކް އިން ފޯރިކޮށްދީފައިވާ ވޫހޫ 3ޑީ ޓެބްޕެލެޓްސް އަކީ ވޫހޫ ވޮއިސް އެސިސްޓެންޓަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ޑިވައިސްއެކެވެ. އަދި މިއީ 3ޑީ ލައިޑްފީލްޑް ޓެބްލެޓްގެ އެންމެ ފުރަތަމަ ޓެބެލެޓްވެސް މެއެވެ. މި ޓެބްލެޓް މެދުވެރިކޮށް އަސްލާ އެއްގޮތަށް، 3ޑީ ކޮށް މަންޒަރުތަކާއި ފޮޓޯތައް ބަލާލެވޭނެއެވެ. އެ ހާއްސަ ޓެބްލެޓް ބޭނުން ކުރުމަށް އެއްވެސް ހާއްސަ 3ޑީ އައިނެއް ފަދަ އެއްޗެއް ބޭނުން ނުވާނެއެވެ.

ލިއާ އިންކް އަކީ ދުނިޔޭގައި މޯބައިލް ޑިވައިސްތަކަށް ލައިޓް ފީލްޑް ޓެކްނޮލޮޖީ އެންމެ ފުޅާދާއިރާ އެއްގައި ފޯރުކޮށްދޭ ކުންފުންޔެވެ. ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔޭގެވެސް ހޮސްޕިޓާލިޓީ ދާއިރާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހި، ބޮޑު ހީނަރުކަމެއް އައިސްފައިއެވެ. އަދި ލޮކްޑައުން އުވާލާ، ދަތުރު ފަތުރު ކުރުމުގެ ހުއްދަ ލިބުނު ކަމުގައި ވީ ނަމަވެސް، ކުރިން އޮތް ގޮތަށް ޓުއަރިޒަމް ދާއިރާ އެނބުރި ދިޔުމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައިއެވެ.

އެހެން ކަމުން، މި ދާއިރާ އަލުން އަނބުރާ ގެނެސްދިނުމުނަށް މަގުފަހިކޮށްދިނުމުގެ ގޮތުން، "ވޫހޫ" ފަދަ ޑިޖިޓަލް ވޮއިސް އެސިސްޓެންޓެއް ވާނީ ވަރަށް މުހިންމު ވަސީލަތަކެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ. ސަބަބަކީ ވޫހޫ ބޭނުންކުރުމުން އެކަކު އަކެނެކަކާ ކޮންޓެކްޓް ވުން މަދުވެ، ގައިދުރުކަން އިސް ކޮށް، ގެސްޓުންގެ ބޭނުންތައް ވަރަށް ފަސޭހައިން ވޮއިސް ކޮމާންޑަކުން ކޮށްލެވޭނެތީ ކަމަށް ދިރާގުން ބުނެއެވެ.

މިކަމާ ގުޅިގެން ދިރާގު ޗީފް މާކެޓިންގ އޮފިސާ މަހުމޫދު ދައްސާ ވިދާޅުވި ގޮތުގައި ސްމަރޓް ބީންސް އިންކް އަދި ލިއާ އިންކްއާއި ގުޅިގެން ދިރާގުގެ ހޮސްޕިޓާލިޓީ ކަސްޓަމަރުންނަށް، އެ ފަރާތްތަކުގެ ގެސްޓް އެކްސްޕީރިއަންސް ޑިޖިޓައިޒް ކުރުމަށް ކޮންޓެކްލެސް ވޮއިސް އެސިސްޓެންޓެއް ތައާރަފު ކުރުމަކީ ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ވޫހޫގެ ސަބަބުން ފަތުރުވެރިންނަށް ރިސޯޓްތަކުގައި، ރޫމް ސާވިސް އަދި މުނިފޫހިފިލުވުން ފަދަ ތަފާތު ކަންތައްތަކުގައި އިތުރު ލުއި ފަސޭހަތަކާއި، ހިންހަމަޖެހުމާއި ރައްކާތެރިކަން ލިބި، ގެސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ވެގެންދާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

ސްމާޓްބީންސް އިންކް ގެ ޗީފް އިނޮވޭޝަން އޮފިސާ ހިމާންޝޫ ކައުލް ވިދާޅުވި ގޮތުގައި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގާ ގުޅިގެން ރާއްޖެއަށް "ވޫހޫ" ތައާރަފު ކުރެވިގެން ދިޔުމަކީ ވަރަށް އުފާ ކުރާކަމެއް ކަމަށާއި ވޫހޫ އަކީ ނެކްސްޓް ޖެނެރޭޝަން ކޮގްނިޓިވް އޭއައި ބޭނުން ކުރާ ވަސީލަތެއް ކަމުގައި ވުމުން، ވޫހޫ މެދުވެރިކޮށް ހޮސްޕިޓާލިޓި ދާއިރާގެ ވިޔަފާރިތަކަށް، ކަސްޓަމަރުންނަށް ފުރިހަމަ ތަޖުރިބާއެއް ދެވޭނެ ކަމުގައިއެވެ.

ލިއާ އިންކް ގެ ފަރާތުން އެ ކުންފުނީގެ ކޯ ފައުންޑަރ އަދި ސީއީއޯ ޑޭވިޑް ފަޓާލް ވިދާޅުވި ގޮތުގައި، ހޮސްޕިޓާލިޓީ ދާއިރާއަށް ލައިޓްފީލްޑް އިމޭޖިނަރީ ތައާރަފުކުރެވުމުން ވަރަށް އުފާކުރާކަމަށެވެ. އަދި ވޮއިސް ކޮމާންޑާއި ހޮލޮޖްރަފިކް އިންޓަރެކްޝަންތައް މެދުވެރިކޮށް ގެސްޓުންގެ ތަޖުރިބާ އިތުރަށް ފުރިހަމަވާނެކަމަށް އުންމީދު ކުރާކަމަށެވެ.

ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓިގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.

ދިރާގުން ބުނީ އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދާ ކަމަށެވެ. އަދި ދިރާގުން މިއަދު ތައާރަފު ކުރި ވޫހޫ ފަދަ ސްމާޓް ސޮލިއުޝަންތަކާއި ޕަރޓްނާޝިޕް ތަކަކީ އެކަމުގެ ހެއްކެއް ކަމަށް އެކުންފުނިން ބުނެއެވެ.