ހަނދުގައި ދަބަރުގެ އަސަރު އެބަހުރި ކަމަށާ، މިކަމުގައި ދުނިޔޭގެ ހިއްސާއެއް އެބައޮތް ކަމަށް ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.

އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އައިއެސްއާރްއޯ)ގެ ޗާންދްރަޔާން އޯބިޓާ-1އިން އެއްކުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ދިރާސާއިން ހާމަވާ ގޮތުގައި، ހަނދުގެ 2 ތަނޑިއަކީ، ހަނދުގެ އެހެން ސަރަހައްދުތަކާ އަޅާ ބަލާއިރު ތަފާތުކަމެއް އެކުލެވޭ 2 ތަނޑިއެކެވެ.

ހަނދުގެ ތަނޑިން އަނބުރާ ފޮނުވާލާ އަލި ދިރާސާކޮށްގެން ޔުނިވާސިޓީ އޮފް ހަވާއީގެ ޝޫއާއި ލީ ވަނީ، ހަނދުން ހެމަޓައިޓްގެ އަސަރު ހޯދާފައެވެ. ހެމަޓައިޓްއަކީ އަޔަން އޮކްސައިޑްގެ ބާވަތެކެވެ. އާންމު ނަމުންނަމަ، މިއީ ދަބަރެވެ. ނަމަވެސް، ދަގަނޑު ދަބަރަށް ވަނީ އޮކްސިޖަންވެސް ހުރެގެންނެވެ. މިއީ ހަނދުގައި ނެތް އެއްޗެކެވެ.

ަ އިންޑިއާގެ ޖައްވީ މިޝަންއިން ހަނދަށް ކުރަން ހަމަޖެއްސި

ލީ އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިއީ އާދަޔާ ހިލާފު ކަމެއް ކަމަށެވެ. ހަނދަނީ، ހެމަޓައިޓްގެ އަސަރު ހުރުމަށް އެކަށޭނަ ވެއްޓެއް ނޫން ކަމަށް އެ ބަޔާނުގައިވެއެވެ. މި ސުވާލަށް ޖަވާބު ހޯދުމަށް ލީ ގުޅީ، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)ގެ ޖެޓް ޕްރޮޕަލްޝަން ރެބޯޓްރީ (ޖޭޕީއެލް) އަށެވެ.

ޖޭޕީއެލްގެ ސައެންޓިސްޓެއް ކަމަށްވާ އެބިގޭލް ފްރޭމަން ބުނީ، ފުރަތަމަ މި ވާހަކަ އަޑުއިވުމުން ގަބޫލު ކުރަން ދަތިވިކަމަށެވެ. ހަނދުގެ ވެއްޓަށް ބަލާއިރު، މިއީ ވެގެންވާނެ ގޮތެއް ނޫންކަމަށް އޭނާއަށްވެސް ފުރަތަމަ ގަބޫލު ކުރެވުނެވެ. ނަމަވެސް ހަނދުގެ ސަތަހައިން ފެން ފެނުނު ހިސާބުން، ފެނާ ގަލާ ދެމެދު ހިނގާ "މުއާމަލާތުގެ"ނަތީޖާއެއްގެ ގޮތުން، ތަފާތު އެކި މިނަރަލްތައް ހަނދުގައި ހުރެދާނެ ކަމަށް ގިނަ ބަޔަކު ވަކާލާތު ކުރަން ފަށާފައިވާކަމަށެވެ.

އިންޑިއާގެ ޖައްވީ މިޝަން ޗާންދްރަޔާން-2 އިން ނަގާފައިވާ ހަނދުގެ ސަތަހައިގެ 3ޑީ ތަސްވީރު/ފޮޓޯ: އައިއެސްއާރްއޯ

ހަނދުގައި ދަބަރުގެ އަސަރު އެކުލެވުން 3 ގޮތަކަށް ބަޔާންކޮށްދެވިދާނެ ކަމަށްވެއެވެ. ހަނދުގައި އެޓްމޮސްފިއާ ނުވަތަ ވައިގެ ފަށަލައެއް ނެތް ކަމުގައި ވީ ނަމަވެސް، ދުނިޔޭގެ މެގްނެޓިކް ފީލްޑްގެ ސަބަބުން އޮކްސިޖަންގެ އަސަރު ކޮންމެވެސް ވަރަކަށް ހަނދުން ފެނެއެވެ. މެގްނެޓޯޓެއިލްއިން 385000 ކިލޯމީޓަރުގެ ދަތުރެއް ކޮށް، ހަނދަށް އޮކްސިޖަން ފޯރައެވެ.

ހަނދުގެ އަނދިރި ފަރާތަށްވުރެ، ދުނިޔެއާއި ވީ ފަޅީގައި ހެމަޓައިޓްގެ އަސަރު ގިނައިން ހުންނަނީވެސް މިހެންވެ ކަމަށް ބުނެވިދާނެ ކަމަށްވެއެވެ. ދުނިޔެއާއި ހަނދާ ދެމެދު އޮންނަ ދުރުމިން ފޭވަމުންދާތާ އެތައް އަހަރެއް ވެފައިވާއިރު، ހަނދަށް އޮކްސިޖަން ފޯރާފައިވަނީ ދުނިޔެއާއި އެންމެ ކައިރީގައި ހަނދު އޮތް ދުވަސްވަރުގައި ކަމަށް ވެދާނެ ކަމަށްވެސް ބުނެވެއެވެ.

ހަނދުކޭތައިގެ ފޮޓޯއެއް/ ފޮޓޯ: ގޫގުލް

އަނެއް ސަބަބަކީ، ހަނދުގައި ހައިޑްރޮޖަން އެކުލެވޭ މިންވަރެވެ. އިރުން ބޭރުވާ ސޯލާވިންޑާއެކު ދުނިޔެއާއި ހަނދަށް ހައިޑްރޮޖަން ފޯރައެވެ. ހައިޑްރޮޖަންއަކީ 'ރިޑިއުސާ'އެކެވެ. މާނައަކީ، އެއާ ގުޅޭ މާއްދާތަކަށް އިލެކްޓްރޯން އިތުރުކުރާ ކަމެވެ. އޮލެކްޓްރޯންސް ނައްތާލާ، އޮކްސައިޑާއާއި ދިމާ އިދިކޮޅަށެވެ. މިފަދަ ކަމަކުން ދުނިޔެ ސަލާމަތް ކޮށްދެނީ، ދުނިޔޭގެ މެގްނެޓިކް ފީލްޑްއެވެ. ނަމަވެސް، ހަނދަށް މި ހިމާޔަތެއް ނެތެވެ.

ނަމަވެސް ދުނިޔޭގެ މެގްނެޓޯޓެއިލްއާއި، ހަނދަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ އިތުރުން، ހަނދު ބޮޑުވެފައި ހުންނައިރު އަންނަ ހުރިހާ ސޯލާ ވިންޑަކަށް ހުރަސްއަޅައެވެ. މީގެ މާނައަކީ ހަނދުގެ ބުރެއް ހަމަކުރާއިރު، ދަބަރު އުފެދުމުގެ ފުރުސަތު އޮތުން ކަމަށް ބުނެވެއެވެ.

ތިންވަނަ ސަބަބު ގުޅެނީ ހަނދުގައި އެކުލެވޭ ގަނޑުފެނާއެވެ. ދުނިޔެއާއި ދުރަށް ވީ ފަޅީގައި އުފެދިފައިވާ ވަޅުގަނޑުތަކުގެ އަޑީގައިވި ގަނޑުފެންތަކާއެވެ. ލީ ވަކާލާތު ކުރާ ގޮތުގައި ހަނދުގައި ޖެހޭ ހިރަފުހުގެ ކުނޑިތަކަކީ، މި ފެނުގެ މޮލެކިއުލްތައް މިނިވަން ކުރުވާ، ދަގަނޑާ އެކުވެ، ހޫޏުވެ، އޮކްސިޑޭޝަން ރޭޓް އިތުރު ކުރަނިވި ހަރަކާތެކެވެ.

އިންޑިއާގެ ޖައްވީ މިޝަން

ހަނދުގައި އުފެދިފައިވާ ވަޅުގަނޑުތަކާ ދުރުން ހެމަޓައިޓް ފެނިފައިވަނީ މިހެންވެ ކަމަށް ބުނެވެއެވެ. ނަމަވެސް، ހަނދުގައި ހުރި ފެނާ، ހަނދުގެ ގާތަށް ގުޅިލާމެހޭ ގޮތާ ބެހޭ އިތުރު ދިރާސާތައް އަދިވެސް ހަދަންޖެހެއެވެ. ޖައްވުތެރޭގައި ދަތުރުކުރާ ހިލަތަކުގެ ތެރެއިން، ވައިގެ އަސަރު ނެތް ހިލަތަކުންވެސް ހެމަޓައިޓްގެ އަސަރު ފެންނަނީ ކީއްވެކަން، މި ހޯދުންތަކުން އެނގޭނެ ކަމަށް ބުނެވެއެވެ.

މި ދިރާސާ އާންމު ކުރުމަށް ހަމަޖެހިފައިވަނީ ސައެންސް އެޑްވާންސަސް ޖާނަލްގައި ކަމަށް ޚަބަރު ލިބެއެވެ.