ސޫދާންގައި ފެންބޮޑުވެގެން ހިނގި ހާދިސާތަކުގައި މިއަހަރުގެ މިހާ ހިސާބަށް 99 މީހެއްގެ ފުރާނަ ގެއްލި ދިއުމާ ގުޅިގެން، އެ ގައުމުގައި 3 މަސްދުވަހުގެ މުއްދަތަށް، ޤައުމީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް، ސޫދާންގެ ސަލާމަތާއި ދިފާއާ ބެހޭ ކައުންސިލުން ނިންމައިފިއެވެ.

ސޫދާންގެ ދައުލަތުގެ މީޑިއާއާއި ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ސޫދާންއަކީ، ގުދުރަތީ ކާރިސާގެ ޒޯންއެއް ކަމަށްވެސް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

99 މީހެއްގެ ފުރާނަ ގެއްލިދިއުމުގެ އިތުރުން، 46 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާކަމަށާ، އެކި ކަހަލަ ގެއްލުންތަކުގެ އަސަރު ކުރި މީހުންގެ އަދަދު ބައި މިލިއަނަށްވުރެ މައްޗަށް އަރާފައި ވާ ކަމަށާ، މުޅިން ނުވަތަ އެއްބައި ވެއްޓިފައިވާ ގެދޮރުގެ އަދަދު 100000 އަށް އަރާ ކަމަށްވެސް ޚަބަރު ލިބެއެވެ.

ސޫދާންއަށް މިއަހަރު ވިއްސާރަކޮށް، ފެންބޮޑުވަމުން ދަނީ، 1946 ވަނަ އަހަރާ، 1988 ވަނަ އަހަރުގެ ރެކޯޑްތަކަށްވުރެވެސް ގަދައަށް ކަމަށް، އެ ގައުމުގެ ލޭބާ އެންޑް ސޯޝަލް ޑިވަލޮޕްމަންޓް ވަޒީރު ލީނާ އަލް ޝައިހު ވަނީ ވިދާޅުވެފައެވެ.

ސޫދާންއަށް މޫސުމީ ވިއްސާރަ ކުރާ ދުވަސްވަރު ފެށެނީ ޖޫން މަހުއެވެ. އަދި އޮކްޓޯބަރު މަހުގެ ނިޔަލަށް މިކަން ދެމިގެންދެއެވެ. ކުރިއަށް އޮތީވެސް ވިއްސާރަ ދުވަސްތަކެއް ކަމުގެ އިންޒާރު، ކަމާ ބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.