ގދ. ހޯޑެއްދޫ އިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނީ ޕޮޒިޓިވްވެފައިވަނީ 11 ފިރިހެނުންނާއި 8 އަންނެހުން ކަމަށެވެ.
އެގޮތުން 1 އަހަރުން ދަށުގެ 2 ކުދިންނާއި 1 އަހަރާއި 18 އަހަރާ ދެމެދުގެ 8 މީހުންގެ އިތުރުން 18 އަހަރާއި 50 އަހަރާ ދެމެދުގެ 7 މީހުން އަދި 50 އަހަރަށް ވުރެ މަތީގެ 2 މީހަކު ހިމެނޭ ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.
އެ 19 މީހުންނަކީ ވެސް އެ ރަށުން ޕޮޒިޓިވް ވެފައިވާ މީހުންނާ ގުޅުން ނެތް ދެ މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ކަމަށް އެޗްއީއޯސިން ވަނީ ބުނެފައެވެ.
އެ ދެ މީހުން ޕޮޒިޓިވް ވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
މީގެ ކުރިން ހޯޑެއްދޫން ވަނީ 4 މީހަކު ޕޮޒިޓިވް ވެފައެވެ. އެ 4 މީހުންނަކީވެސް ފުރަބަންދު ކަރަންޓީން 14 ދުވަސް ފުރިހަމަ ކުރުމަށްފަހު ނެގި ސާމްޕަލުން ޕޮޒިޓިވް ވެފައިވާ މީހުންނެވެ.
ރާއްޖެއިން އިއްޔެ ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ 80 މީހުންނެވެ. އިއްޔެ ޕޮޒިޓިވްވި 80 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8361 އަށް އަރާފައެވެ.
މިހާރު ހޮސްޕިޓަލުގައި 162 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1253 މީހަކު އެބަ ތިއްބެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 29 މީހަކު ވަނީ ނިޔާވެފައެވެ.