މަތިވެރި ދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ހުސެއިން މުހައްމަދު އަވަހާރަވުމާ ގުޅިގެން ރައީށް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ފޮނުއްވައިފިއެވެ.

ރައީސް ސޯލިހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހަންމަދު ނިޔާވި ހަބަރު އެމަނިކުފާނު އެއްސެވީ ފުން ހިތާމަޔާއެކު ކަމަށެވެ. އަދި ހުސެންނަކީ ގައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

އެއީ އެމަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ކަމަށާއި، ދަތި އުނދަގޫ ވަގުތުތަކުގައި ވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ރައީސް ސޯލިހް ވަނީ މަރުހޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާފައެވެ.

ރައީސް ސޯލިހްގެ އިތުރުން، ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ހުސެއިން އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ފޮނުއްވާފައެވެ. ނައިބު ރައީސް ވިދާޅުވީ، ހުސެންނަކީ ގައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ފަރާތެއް ކަމަށާއި، ގިނަ ކަންކަމުގައި އަބަދުވެސް ހެޔޮ ނަސޭހަތް ދީފައިވާ އިތުބާރުހުރި ފަރާތެއް ކަމަށެވެ.

މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑާރު ގާސިމް އިބްރާހިމް ވިދާޅުވީ، ހުސެއިން އަވަހާރަވުމަކީ ލިބުނު ވަރަށް ބޮޑު ނިކަމެތި ކަމެއް އަދި ދެރަ ކަމެއް ކަމަށެވެ. ގެއްލިގެން ދިޔަޢީ، ވަރަށް ގިނަ ގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ގާބިލު ފަރާތެއް ކަމަށް ވިދާޅުވެ އޭނާ ވަނީ ހުސެއިނަކީ ޒިންމާދާރު އިންސާނެއް ގޮތަށް ސިފަކުރައްވާފައެވެ. ހަމައެއާއެކު، އެއީ ޖުމްހޫރީ ޕާޓީއަށާއި އޭނާއަށް ވެސް ގެއްލިގެން ދިޔަ ވަފާތެރި ހިދުމަތްތެރިއެއް ކަަމަށް ގާސިމް ވިދާޅުވިއެވެ.