ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭހެއް ފެނި، "ދަ ބެޓްމޭން"ގެ ޝޫޓިންގްގެ މަސައްކަތްތައް ވަގުތީ ގޮތުން މަޑުޖައްސާލައިފިއެވެ.

ވޯނާ ބްރޯސްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ "ދަ ބެޓްމޭން" ގެ ޕްރޮޑަކްޝަން ޓީމުގެ މެމްބަރަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން، ވަގުތީ ގޮތުން މެދުކަނޑާލާފައި ވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މެމްބަރެއްކަން އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ.

"ދަ ބެޓްމޭން"ގެ ޝޫޓިންގް މެދުކަނޑާލާފައި މިވަނީ، އިނގިރޭސި އެކްޓަރު ރޮބާޓް ޕެޓިންސަން، ކޮވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ. ވެރައިޓީ، ހޮލީވުޑް ރިޕޯޓާ އަދި ވެނިޓީ ފެއާ ފަދަ މީޑީއާތަކުންވަނީ، އެކި މަސްދަރުތަކާ ހަވާލާދީ، ޕޮޒިޓިވްވި މެމްބަރަކީ، ބަތޮލް ޕެޓިންސަން ކަމަށް ބުނެފައެވެ.

ޑީސީ ފިލްމްސްއިން އުފައްދާ، ވޯނާ ބްރޯސްއިން ޑިސްޓްރިބިއުޓްކުރާ "ދަ ބެޓްމޭން" އަކީ، މަޝްހޫރު "ބެޓްމޭން ފްރެންޗައިޒް" ގެ ރީބޫޓް ފިލްމެކެވެ. މި ފިލްމު ރިލީޒް ކުރުމަށް އަދި ހަމަޖެހިފައި އޮތީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުއެވެ.