ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ފުލުހުން އިސްނަގައިގެން ފަށާ ހާއްސަ ޕްރޮޖެކްޓް "ޕްރޮޖެކްޓް ގާޑިއަން" ލޯންޗްކޮށްފިއެވެ.

ފުލުހުން ބުނީ، ޕްރޮޖެކްޓް ގާޑިއަންއަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓްރެޓެޖިކް ޕްލޭނާއި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ކުޑަކުދިންނާއި އަންހެނުންނާއި އާއިލާތަކާ ގުޅޭ ގޮތުން ހިންގަން ކަނޑައެޅިފައިވާ ޕްރޮގްރާމްތަކާއި ހަރަކާތްތަކުގެ މައްޗަށް އެކުލެވޭ ޕްރޮޖެކްޓެއް ކަމަށެވެ.

މި ޕްރޮޖެކްޓްގައި އިސްކަން ދޭވޭނެ މައިގަނޑު ދާއިރާތަކަކީ ކުޑަކުދިންނާއި އަންހެނުންނާ ދެކޮޅަށް ކުރާ ކުށުގެ އަމަލުތައް ހުއްޓުވުން ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެފަދަ ކުށްތަކާ ގުޅޭ ހާއްސަ ރިސާޗެއް ގާއިމް ކުރެވި އެފަދަ ކުށްތަކާ ބެހޭ ދިރާސާތައް ކުރުމާއި، މުޖުތަމައުއަށް ބޭނުންވާ އެކި ކަހަލަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ކުށް ކުރާ ސަބަބުތަކާއި، ކުށް ކުރުމަށް ފުރުސަތުތައް ލިބޭ ސަބަބުތައް ދެނެގަނެ އަަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ހިމެނެއެވެ.

ހަމައެއާއެކު އެ ޕްރޮޖެކްޓުގައި މަސްތުވާތަކެއްޗާއި އޭގެ ވަށައިގެން ހިނގާ ކުށްތަކާއި ހަރުކަށި ފިކުރުގެ ތެރެއިން ކުޑަކުދިންނާއި އާއިލާތަކުގެ ހައްގު ގެއްލޭ ގޮތަށް ކުރާ މަސައްކަތްތައް ހުއްޓުވައި، އެފަދަ ފިކުރުތަކަށް ހުށަހެޅުން ހުއްޓުވުން އިތުރަށް ފުޅާ ކުރެވޭނެ ކަމަށްވެސް ފުލުހުން ބުނެއެވެ. އަދި އޮންލައިން ޕްލެޓްފޯމްތަކުގައި ކުޑަކުދިން އެކްސްޕްލޮއިޑް ކުރުން ހުއްޓުވުމާއި، ޗައިލްޑް ސޭފް ޓޫރިޒަމަށް ހާއްސަ ތަމްރީންތަކާއި ސެންސިޓައިޒޭޝަން ޕްރޮގްރާމްތައް ހިންގޭނެ ކަމަށް ވެސް އެފަރާތުން ބުނެއެވެ.

މީގެ އިތުރުން އެ ޕްރޮޖެކްޓްގެ ތެރޭގައި އެފަދަ ކަންކަމާ ގުޅޭ ގޮތުން ހިންގޭ ތަހުގީގުތަކުގެ ފެންވަރު ރަނގަޅު ކުރާނެ ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެކި މަރުހަލާތަކުގައި ކުރީ ސަފުގައި މަސައްކަތް ކުރާ ފުލުހުންނާއި ތަހުގީގު ކުރާ ފަރާތްތަކާއި ސުޕަވައިޒިން އަދި މެނޭޖްމަންޓްގެ ރޯލްތަކާއި ސިޔާސަތުތައް ކަނޑައަޅައި ތަމްރީންތައް ބޭނުންވާ ފަރާތްތަކަށް ތަމްރީންތައް ދިނުމާއި ވަސީލަތްތައް ހަމަކޮށްދިނުން ހިމެނެއެވެ.

މި ޕްރޮޖެކްޓާއެކު އަންހެނުންނާއި ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކޮށްދީ އިންސާފް ގާއިމްކޮށްދިނުމަށް މަސައްކަތް ކުރުމުގެ ދަތުރު ފެށިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް ޖިންސީ ގޯނާ ކުރުމާއި އަންހެނުންނާއި ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެ ފަދަ ކަންކަން ހިންގާ މިންވަރު ވަނީ އިތުރުވެފައެވެ. މިއީ މުޖުތަމައުގެ ކަންބޮޑުވުން މަތީ ދަރަޖައަކަށް އޮތް ކަމެކެވެ. އަދި އެ ހާދިސާތަކަކީ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އިތުރުވެ އެތައް ދިވެހިންނެއް އެކަމާ ދެކޮޅަށް އަޑުއުފުލާ ވަނީ އިހުތިޖާޖުވެސް ކޮށްފައެވެ.