ގއ. ވޮޑަމުލާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ދޫކޮށްފައިވާ ރަށެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ހައިކޯޓުގައި މިއަދު މެންދުރުފަހު ބޭއްވި އިސްތިއުނާފު ޝަރީއަތުގައި ރައީސް ޔާމީން ވިދާޅުވީ ވޮޑަމުލާއަކީ އެމަނިކުފާނުގެ ވެރިކަމުގެ ކުރިން އޮތް ސަރުކާރުތަކުން އެއިރު އުފައްދާފައިވާ ޓޫރިޒަމް ޕްރޮމޯޓުކުރާ ކުންފުނިތަކަށް ދީފައިވާ ރަށެއް ކަމަށާއި ވޮޑަމުލާ ކުއްޔަށް ދިންކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވަން ޖެހޭ ސަބަބެއް ވެސް ދައުލަތަށް ސާބިތުކޮށް ނުދެވުނު ކަމުގައި ރައީސް ޔާމީން ފާހަގަ ކުރެއްވިއެވެ.

އަދި ސަރުކާރުން ކުއްޔަށް ދޫކުރާ ރަށްރަށުގެ އަގު ކަނޑައެޅުމާ ގުޅޭ އުސޫލެއް އޮންނަ ކަމަށާއި، އަދި އެ އުސޫލުގެ ދަށުން ރަށެއް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރުމުގައި ރައީސްގެ ހުއްދައެއް ހޯދަން ނުޖެހޭ ކަމަށާއި އެ ރަށް ކުއްޔަށް ދިނުމާ ގުޅޭ އެއްވެސް ވާހަކައެއް އެމަނިކުފާނުގެ އަރިހަށް އައިސްފައިނުވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރަށް ރައީސް ޔާމީން ފާހަގަކުރެއްވީ އެ އެމްއެމްޕީއާރްސީގެ ފައިސާއާ ގުޅޭ ގޮތުން އައްލާމް ލަތީފު ފުލުހުންނަށް ދީފައިވާ ބަޔާނުގައި ވޮޑަމުލާގެ ފައިސާ ހޯދަން ގުޅުއްވި ވާހަކައެއް ވިދާޅުވެފައި ނުވާ ކަމަށާއި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަތްޕުޅުގައިވެސް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިކަން، އެ ފޯނު ކޯލަށްފަހު އައްލާމް ލަތީފަށް އެނގުނުކަން އޭނާގެ ބަޔާނުން އެނގިވަޑައިގެންފައި ވާ ކަމަށެވެ.

އަދި އެ ފޯނު ކޯލު ނިންމާލުމަށް ފަހު ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދިނުމަށް އަހުމަދު އަދީބު އެދިވަޑައިގެންނެވި ކަމަށް ރައީސް ޔަމީން ވިދާޅުވިއެވެ.

އެ ފޯނު ކޯލު ނިންމާލުމަށްފަހު ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދިނުމަށް އަހުމަދު އަދީބު ބުނި ކަންވެސް އެ ބަޔާނުންވެސް އެނގެން އެބައޮތް، ދެން އަޅުގަނޑަށް ލިބެންޖެހޭ ފައިސާއެއް ހޯދަން، އަޅުގަނޑު ގުޅިއިރު ކިހިނެއްތޯ އަޅުގަނޑަށް އެނގޭނީ އަޅުގަނޑަށް އެ ޖަމާކުރީ ވޮޑަމުލާގެ ލާރި ކަމެއް
ރައީސް ޔާމީން

އެ ފައިސާ އަކީ ވޮޑެމުލާގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައި ވާއިރު، ރައީސް ޔާމީން ވިދާޅުވީ ލޯންޗުކޮޅު ގޮއްވާލި ހާދިސާއަށް ފަހު އެފަދަ ކަމަކަށް ފައިސާ ހަރަދު ކުރުމަށް އަދީބަށް އިތުބާރު ނުކުރައްވާނެކަން ބުއްދި ގަބޫލު ކުރައްވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅުއްވައި ދެއްވައި ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދަޅުވީ މަނީ ލޯންޑަރިންގެ މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު ތަހުގީގު މަރުހަލާގައި ވޮޑަމުލާއާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް ރައީސް ޔާމީނާ ކޮށްފައި ނުވާ ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް އެކަމާ ގުޅޭ އެއްވެސް ސުވާލެއް ގުޅުން ހުރި އެއްވެސް އިދާރާއަކުން ކޮށްފައި ނުވާކަން ރައީސް ޔާމިން ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައި ވާއިރު މިއަދު ވަނީ ދެ ފަރާތުން ހުލާސާ ބަޔާން ހުށަހެޅުމަށް އަޑުއެހުމެއް ބާއްވާ ނިންމާފައެވެ. އެ އަޑުއެހުން ނިއްވާލައްވަމުން، ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވީ، އިތުރުކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. ނަމަވެސް އެ އަޑުއެހުން ބާއްވާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ޖުމްލަ 3 މައްސަލައެއް މިހާރު ކޯޓުގައި ކުރިއަށް އެބަގެންދެއެވެ. އެގޮތުން، ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި ކަމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާއިރު، މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ހައި ކޯޓުގައި ވަނީ ނިންމާލާފައެވެ.

އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.