އިންޑިއާއިން ދީފައިވާ ކްރެޑިޓް ލައިނުގެ ދަށުން ހިންގާ ޕްރޮޖެކްޓުތަކަކީ އޮޕަން ޓެންޑަރިން ޕްރޮސެސްއެއްގެ ތެރެއިން ހިންގާނެ ޕްރޮޖެކްޓުތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެހެން ވިދާޅުވެފައިވަނީ ރޭ ރާއްޖޭޓީވީގެ 'ފަލަ ސުރުހީ' ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އަމީރު ވިދާޅުވިގޮތުގައި އިންޑިއާ އަދި ޗައިނާ ލޯނުތަކަކީވެސް ކޮންސެޝަނަލް އަދި ރަނގަޅު ކޮންޑިޝަންތަކުގައި ލިބިފައިހުރި ލޯނު ތަކެކެވެ. އެގޮތުން އިންޑިއާއިން ލޯނު ދީފައިހުރީ އެއް ޕަސަންޓާއި 1.75 ޕަސެންޓާ ދެމެދުގެ އިންޓަރެސްޓެއްގައި ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އެ ލޯނުތަކުގެ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ފަސް އަހަރު ދީފައިވާ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ. އަދި އަނބުރާ ދެއްކުމަށް 20 އަހަރު ލިބިފައިވާ ކަން ވެސް އަމީރު ވަނީ ފާހަގަކުރައްވާފައެވެ.

އަމީރު ވިދާޅުވޮތުގައި މިހާރު އިންޑިއާއިން ގާތްގަނޑަކަށް އެލްއޯސީގެ ދަށުން 800 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓު ކުރިއަށް ގެންދަން ރާވަމުންދާ ކަމަށެވެ. އަދި އޭގެ އިތުރުން ބްރިޖު ޕްރޮޖެކްޓަށް 400 މިލިއަން ޑޮލަރު އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއްވެސް އެބައިން ކަން ވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

މީގައި އަޅުގަނޑުމެން މިހާރު މި ގެންދާ ޕްރޮސެސްއަކީ ވަރަށް ބޮޑަށް އޯޕަން ޓްރާންސްޕޭރެންޓު ޕްރޮސެސްއެއްގެ ތެރެއިން ޓެންޑަރިން އެބަ ހިނގާ އިންޑިއާގައި ވެސް. ޕްރީ ކޮލިފިކޭޝަން ޕްރޮސެސް އެބަ ހިނގާ އިންޑިއާގައިވެސް، ޕްރީ ކޮލިފިކޭޝަންއަށްފަހު ރާއްޖޭގައިވެސް ނޭޝަނަލް ޓެންޑާ ބޯޑުގެ ތެރެއިންވެސް އަޅުގަނޑުމެން ޓެންޑަރަށް ހުޅުވާލާނަން.
ފިނޭންސް މިނިސްޓަރު އިބްރަހީމް އަމީރު

އަމީރު ވިދާޅުވީ އޭގެ ސަބަބުން އާހިރުގައި ލިބޭ އަގަކީ ވަރަށް ކޮމްޕެޓެޓިވް އަގަކަށް ވެގެންދާނެ ކަމަށެވެ. އަދި އެ ޕްރޮޖެކްޓު އަގު ވަރަށް ކުޑަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޯޕަން ޓެންޑަރިންް ޕްރޮސެސްއެއްގެ ތެރެއިން އެ ކޮންޓްރެކްޓާ ހޯދަން ކުރާ މަސައްކަތުގައި ވަރަށް ކޮމްޕެޓިޓިވް އަގެއް ލިބިގެން ދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.