ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ސްކޫލްތައް ބަންދުކޮށް ދުރުދޭ ތައުލީމުގެ އުސޫލުން ގޭގައި އެކަހެރިކޮށް ތިބެގެން އިލްމު ފޯރުކޮށްދިނުމުގެ މަސައްކަތް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދިޔަ ނަމަވެސް، 436 މިލިއަން ކުއްޖަކު މި ނަސީބުން މަހްރޫމް ވެފައި ވާކަމަށް، ޔުނިސެފްގެ އެގްޒެކެޓިވް ޑައިރެކްޓާ، ހެންރިއެޓާ ފޯ ވިދާޅުވެއްޖެއެވެ.

ފޯ މިކަން ހާމަ ކުރެއްވީ ކޮވިޑް-19ގެ އާ އާންމު ހާލަތުގައި އެކަހެރިކޮށް އިލްމު އުނގަންނައިދިނުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭ ގޮތުން ޔުނިސެފްއިން ހޯދި ހޯދުންތަކުގެ މައްޗަށް ބިނާކޮށް، އާންމުކުރި ރިޕޯޓާއެކު އާންމު ޝާއިއު ކުރެއްވި ބަޔާނުގައެވެ.

ޔުނިސެފުން ބުނާ ގޮތުގައި، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު ސްކޫލްތައް ބަންދު ކުރުމުން، އެކަމުގެ އަސަރު އެކި ގޮތް ގޮތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.5 ބިލިއަން ދަރިވަރަކަށް ވަނީ ފޯރާފައެވެ. ޔުނިސެފުން ކުރިއަށް ގެންދިޔަ ދިރާސާގައި ވަޒަން ކޮށްފައިވަނީ ފަށާ ތައުލީމުގެ މަރުހާލައިން ފެށިގެން މަތީ ސަނާވަނީ މަރުހަލާއާ ހިސާބަށް އިލްމު އުނގެނެމުންދާ ކުދިންގެ ހާލަތެވެ.

ކުޑަ ކުއްޖަކު ސްކޫލަށް ދާން އެކަނި މައި އެކަނި ސްކޫލު ބަހަށް އަރަނީ/ފޮޓޯ: ވައިޓީ އިމޭޖަޒް

ދިރާސާގެ ބައެއް ހޯދުންތަކަށް ބަލާއިރު ދުރުން ދޭ ތައުލީމު ހާސިލު ކުރުމުގެ ވަސީލަތްތަކާ ޕްލެޓްފޯމުތައް ގާއިމުވެފައި ހުރި ނަމަވެސް، ގޭތެރެ މާހައުލަކީ އެކަމަށް އެންމެ އެކަށީގެންވާ މާހައުލަކަށް ނުވުމުން އާ އާންމު ހާލަތުގައި އެންމެ ފުރިހަމަ ގޮތުގައި އިލްމު އުނގެނުމުން މަހްރޫމު ވެފައިވާ ކުދިންވެސް އެބަތިއްބެވެ. އެ ގޮތުން، ގޭތެރޭގެ މަސައްކަތްތަކަށް ހޭދަކުރަން ޖެހޭ ވަގުތު އިތުރުވުމާ، އޮންލައިން ނުވަތަ ބްރޯޑްކާސްޓް މީޑިއަމް މެދުވެރިކޮށް ފޯރުކޮށްދެމުންދާ މަންހަޖުން އިލްމު ހާސިލު ކުރުމަށް އެކަށީގެންވާ ވެއްޓެއް ގޭތެރޭގައި ގާއިމު ވެފައި ނެތުން ފަދަ ކަންކަމުން ދަރިވަރުންނަށް ހުރަސް ކުރިމަތިވެފައިވާކަން ޔުނިސެފުން ފާހަގަކުރެއެވެ.

ޔުނިސެފްގެ ހޯދުންތަކަށް ބަލާއިރު، ކޮވިޑް-19ގެ އާ އާންމު ހާލަތުގައި އިލްމު ހާސިލު ކުރުމުގެ ހައްގުން އެންމެ ބޮޑަށް މަހްރޫމު ވެފައިވަނީ ސަބް-ސަހާރަން އެފްރިކާ ސަރަހައްދުގެ ދަރިވަރުންނެވެ. މި ސަރަހައްދުގައި ތައުލީމު ހާސިލު ކުރަމުންދިޔަ ދަރިވަރުންގެ ތެރެއިން ދެބައިކުޅަ އެއް ބައި ދަރިވަރުންނަށް ދުރުންދޭ ތައުލީމުގެ ނިޒާމަށް ވާސިލުވެފައި ނުވާކަން ޔުނިސެފުން ފާހަގަކުރެއެވެ.

ސޫރިޔާގެ ހުޅަނގު އުތުރުގެ ރެފިއުޖީ ކޭމްޕެއްގައި މާސްކު އަޅައިގެން ހުރި އަންހެނެއް/ފޮޓޯ: ގެޓީ އިމޭޖަޒް

އުމުރުފުރާތަކަށް ބަލާއިރު އާ އާންމު ހާލަތުގައި ފުރިހަމަ ގޮތުގައި އިލްމު ހާސިލު ކުރުމުން އެންމެ ބޮޑަށް މަހްރޫމު ވަމުން ދަނީ ޅަ އުމުރުގެ ދަރިވަރުންނެވެ. އަދި މި ދަރިވަރުންނަކީ ތައުލީމީ ހަޔާތުގެ އަސާސީ މަރުހަލާތަކުގައި ތިބި ދަރިވަރުންކަންވެސް ޔުނިސެފުން ފާހަގަކުރެއެވެ.

މިމައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ރައްކާތެރި ގޮތުގައި ސްކޫލްތައް އަލުން ހުޅުވުމަށް ސަރުކާރުތަކުން ހާއްސަ އަހައްމިއްޔަތު ކަމެއް ދިނުމަށް އދއިން ވަނީ ގޮވާލާފައެވެ. މީގެ އިތުރުން ޑިޖިޓަލް ޕްލެޓްފޯމުގައި އިލްމު ފޯރުކޮށްދިނުމަށް ބަރޯސާވާންޖެހިފައިވާ މި ޒަމާނުގައި، މި ރޮނގުން އިތުރު އިންވެސްޓްމަންޓްތައް ކުރުމަށްވެސް ޔުނިސެފުން ވަނީ ގައުމުތަކަށް ގޮވާލާފައެވެ. އަދި ތައުލީމީ ދާއިރާއަކީ، ކުރިއަށް އޮތް ތަނުގައި ކުރިމަތިވެދާނެ މިފަދަ ކާރިސާއަކަށް އަދަށް ވުރެ އަހުލުވެރިވެފައިވާ ދާއިރާއެއް ކަން ކަށަވަރު ކުރުމަށްވެސް ޔުނިސެފުން ވަނީ ގޮވާލާފައެވެ.