މިދިޔަ ހުކުރުދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ރާއްޖެ ޓީވީން ހަބަރު ފަތުރާފައިވަނީ އިދިކޮޅު ކޯލިޝަނާ ގުޅުވައި، ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދުމަށާއި ބަދުނާމު ކުރުމަށް ކަމަށް ބުނެ އެމައްސަލަ ބަލައިދޭން ބްރޯޑްކާސްޓިން ކޮމިޝަންގައި އެދިއްޖެއެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅުއްވާފައިވާ ސިޓީގައި ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހުގައި ބޮޑުތަކުރުފާނު މަގުގައި ހުރި އިމާރާތްތަކެއްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން ރާއްޖެ ޓީވީއަށް ނިސްބަތްވާ އެ ޗެނަލްގެ ވެރިފައިޑް "ރާއްޖެޓީވީ ޓުވިޓާ އެކައުންޓުން" ކޮށްފައިވާ ހަބަރުގައި ވަނީ " ރާއްޖެ ވިއްކާލަނީ އޭ ކިޔާ ޕީޕީއެމްޕީއެންސީ އިން މުޒާހަރާ ކުރިތާ ގިނައިރުތަކެއް ނުވެ SBI އާއި ޖެހިގެން ހުރި އިމާތުގައި ރޯވުން!" މިހެން ލިޔެ އަލިފާނުގެ ހާދިސާގެ ވީޑިއޯ އާންމުކޮށްފައިވާ ކަމަށެވެ.

އެއީ ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅުވުމަށް ރާއްޖެޓީވީއިން ނެރެފައިވާ ހަބަރެއްކަމުގައި ދެކޭ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި އެ އަމަލަކީ ޒިންމާދާރު ނޫސްވެރިކަން ކުރުން ކަމަކަށް އެ ކޯލިޝަނުން ނުދެކޭ ކަމަށް ވަނީ ބުނެފައެވެ.

ވީމާ، މި މައްސަލަ ވީއެންމެއަވަހަކަށް ބައްލަވާދެއްވާ. ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދާކޯލިޝަން ބަދުނާމުކުރުމަށް ގަސްދުގައި ރާއްޖެޓީވީއިން އެކި ގޮތްގޮތުން ކުރަމުންދާ މި ފަދަ މަސައްކަތްތައް ފިޔަވަޅު އަޅާ ދެއްވުމަށް ދަންނަވަމެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި ސިޓީ

އޭގެ އިތުރުން މައްސަލަ ބައްލަވަމުން ދާގޮތް އަންގަވާ ދެއްވުން އެދޭ ކަމަށާއި އެ ސިޓީއާއި އެކު ރާއްޖެޓީވީގެ ޓްވިޓާ އެކައުންޓުން ލިޔެފައިވާ ހަބަރު ފޮނުވާފައިވާ ކަމަށް ވެސް އެސިޓީގައި ވަނީ ބުނެފައެވެ.

އެކޯލިޝަނުން ވަނީ މި ދަނޑިވަޅުގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެކޯލިޝަނުން ދެކޭ ކަމަށް ބުނެފައެވެ.

ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ހޮޓާ ހުރި އިމާރާތުގައެވެ.