ދިރާގުން ޓެލެކޮމް މެލޭޝިއާ ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުން ކޮށްގެން "ތާމަލް މާސް ސްކްރީނިން ސޮލިއުޝަން" ކަމަށްވާ "އަލީ ވޯނިން، އެލާޓް އަދި ރެސްޕޮންސް" (އީވާރް) ރާއްޖޭގެ ވިޔަފާރި ތަކަށް ހާއްސަކޮށްގެން ތައާރަފުކޮށްފިއެވެ.
އެ ސޮލިއުޝަން މެދުވެރިކޮށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްވެސް އިންސާނެއްގެ އެހީއަކާނުލާ މީހުންގެ ގައިގެ ފިނިހޫނުމިން ބަލައިދޭ ކަމަށް ދިރާގުން ވަނީ ބުނެފައެވެ..
ދިރާގުން ބުނީ ކޮވިޑް19ގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކަށް އިތުރު ސިއްހީ އަދި ސަލާމަތީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެންކަމުން، ކަސްޓަމަރުންނަށާއި މުވައްޒަފުންގެ ސަލާމަތާއި، ރައްކާތެރި މާހައުލެއް ދެމެހެއްޓުމުގެ ގޮތުން އީޑަބަލްޔޫއޭއާރް ގެ 2 ސޮލިއުޝަން ރާއްޖެއަށް ތައާރަފްކޮށްފައިވާ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. އެއީ އީވާރްކްރައުޑް އަދި އީވާރްކޮމްޕެކްޓް އެވެ.
އީވާރްކްރައުޑް މެދުވެރިކޮށް އެއްފަހަރާ 10-15 ވަރަކަށް މީހުންގެ ބޮޑީ ޓެމްޕަރޭޗަ ނުވަތަ ގައިގެ ފިނިހޫނުމިން ބަލާލެވޭ އިރު އީވާރްކޮމްޕެކްޓް މެދުވެރިކޮށް ވަކި ވަކިން މީހުންގެ ބޮޑީ ޓެމްޕަރޭޗަ ބަލާލެވޭނެއެވެ. އެހެން ކަމުން، އީވާރްކޮމްޕެކްޓް މެދުވެރިކޮށް އަތުން ހިފައިގެން ގެންގުޅޭ ތަމޯމީޓާ ފަދަ ވަސީލަތްތައް ގެންގުޅެން ނުޖެހި، ގައި ދުރުކަން އިސްކުރެވޭނެ ކަމަށް ދިރާގުން ވަނި ބުނެފައެވެ.
ދިރާގުން ބުނީ އެ ސޮލިއުޝަން މެދުވެރިކޮށް ހުން އައިސް ނުވަތަ ގައިގެ ފިނިހޫނުމިން ހުންނަން ޖެހޭ ވަރަށްވުރެ އިތުރަށް ހުރި މީހަކު ބިލްޑިން އަށް ވަނުމާ އެކު، ސިސްޓަމް އަށް ވަގުތުން އެލާޓް ފޮނުވާލަދޭނެ ކަމަށެވެ. އަދި މޮބައިލް ފޯނުތަކަށް ނޮޓިފިކޭޝަންވެސް ފޮނުވައިދޭނެ ކަމަށެވެ.
އޭގެ އިތުރުން، އެ ޑޭޓާތައް 3 މަހުގެ ނިޔަލަށް ކްލައުޑް ސިސްޓަމެއްގައި ފަސޭހައިން ބަލާލެވޭގޮތަށް ރައްކާކުރެވިފައިވާނެ ކަމަށް ދިރާގުން ބުނެއެވެ.
އެ ދެ ސޮލިއުޝަންވެސް ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ދިރާގު ހެޑް އޮފީހުގައި ވަނީ ގާއިމުކޮށްފައިއެވެ. މިފަދަ ސިސްޓަމެއް ގާއިމު ކުރުމުގެ މައިގަނޑު ބޭނުމަކީ އެއްވެސް މީހެއްގެ އެހީއަކާ ނުލައި ނުވަތަ ވަކި މީހަކު ބިލްޑިން ގެ ދޮރު ކުރިމަތީގައި ޓެމްޕަރޭޗާ ބަލަން ބެހެއްޓުމުގެ ބަދަލުގައި، ގައިދުރުކަން އިސްކޮށް ބިލްޑިން އަށް ވަންނަ މީހުންގެ ޓެމްޕަރޭޗަ ބެލޭނެ ނިޒާމެއް ގާއިމު ކުރުން ކަމަށް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ބުނީ އެފަދަ ސޮލިއުޝަނެއް ހުރުމުން، ބިލްޑިން އަށް ވަދެ ނުކުމެ އުޅޭ ކަސްޓަމަމުންނާއި މުވައްޒަފުންނަށްވެސް އަމިއްލަ ޓެމްޕަރޭޗަާ އަކީ ކޮބައިތޯ ބަލާލުމުގެ އިތުރުން، އިތުރު މީހަކާ ކޮންޓެކްޓް ވާން ނުޖެހުމުގެ ސަބަބުން ހިންހަމަ ޖެހުމާއި ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެގޮތުން، މި ސޮލިއުޝަން ތައްޔާރުކޮށްފައިވަނީ ވެސްތަމަލް ސްކްރީނިން ނުވަތަ ފިނި ހޫނުމިން ބެލުމުގެ އެންމެ މަތީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށާއި އެހެން ކަމުން، ޓެކެލިކޮމް މެލޭޝިއަ އާ ގުޅިގެން އެފަދަ ސޮލިއުޝަނެއް ރާއްޖެއަށް ގެނެއުމަކީ ވަރަށް އުފާ ކުރާ ކަމެއް ކަމަށް މަހުމޫދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޓެކެލޮމް މެލޭޝިއާގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓްގެ ޗީފް އެގްޒެކެޓިވް އޮފިސާ ޝަރްލިން ތިއެގަރަޖަ ވިދާޅުވިގޮތުގައި ރާއްޖޭގައި އެންމެ ފުޅާކޮށް ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގާއި ގުޅިގެން އެ ސޮލިއުޝަން ރާއްޖޭގައި ތައާރަފުކުރުމަކީ ވަރަށް އުފާ ކުރާކަމެއް ކަމަށެވެ.
އަދި ޓެކެލޮމް މެލޭޝިއާގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުން މި ހާއްސަ ސޮލިއުޝަން ފަރުމާކޮށްފައިވަނީ ނިއު ނޯމަލް ނުވަތަ އާ އާންމު ހާލަތުގައި ވިޔަފާރިތަކަށް ކަސްޓަމަރުންނާއި މުވައްޒަފުން އަދި އެހެނިހެން ފަރާތްތަކަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް ކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކަމަށެވެ.
ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓިގެ އިތުރުން އެކި ކަހަލަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ކެނޑިނޭޅި ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ. އަދި އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި، އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.