ކުރިއަށް އޮތް އިންގްލިޝް ޕްރިމިއާ ލީގު ސީޒަން ފެށުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި އެންމެ ފަހު ލީގު ޗެމްޕިއަންސް ލިވަޕޫލް ބަލިކޮށް އާސަނަލް ސީޒަންގެ ފުރަތަމަ ތަށި އުފުލާލައިފިއެވެ.
މި މެޗު މިދިޔަ ސީޒަންގައި އެފްއޭކަޕް ހޯދި އާސަނަލްއިން ކާމިޔާބުކުރީ 90 މިނެޓް ހަމަވި އިރު 1-1 އަކުން އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-4 އަކުންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ލީޑު ނެގީ އާސަނަލްއިންނެވެ. ޓީމުގެ ކެޕްޓަން ޕިޔޭ އެމްރިކް އޮބަމިޔޭންގް ދުރުން ފޮނުވާލި ޝޮޓް ގޯލުގެ ކަނަށް ވައްދާލައިގެން އާސަނަލްއަށް މުހިއްމު ލަނޑެއް ޖަހާ ދިނެވެ.
އާސަނަލްގެ ގޯލަށް ލިވަޕޫލްއިން ގިނަ ހަމަލާތަކެއް އަމާޒުކުރި ނަމަވެސް އާސަނަލްއިން ދައްކަމުންދިޔައީ ދިފާއީ ގޮތުން މޮޅު ކުޅުމެކެވެ.
މެޗު ނިމެންދަނިކޮށް ލިވަޕޫލަށް ކުޅޭ ޖަޕާނުގެ ފޯވަޑް ޓަކޫމީ މިނަމީނޯ ޖަހާދިން ލަނޑާއެކު މެޗުގެ ނަތީޖާ ޕެނަލްޓީ ޝޫޓައުޓަކުން ނިންމަން ޖެހުނެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އާސަނަލްއިން ވަނީ އެޓީމަށް ލިބުނު ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ. ދެ ޓީމުގެ ގޯލް ކީޕަރުން ވެސް އެއްވެސް ޕެނަލްޓީއެއް ހިފަހައްޓާފައި ނުވާ އިރު ލިވަޕޫލްގެ ޒުވާން ފޯވަޑް ރިހާން ބޫސްޓާ ޖެހި ޕެނަލްޓީ ދިޔައީ ދަނޑިިމަތިން ބޭރަށެވެ.