ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ޝިކާރައަކަށްވެ، އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް އަވަހާރަވެއްޖެއެވެ.

އަވަހާރަވެފައިވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި، ޓެމިލް ނާޑޫ ތަމްސީލު ކުރައްވާ، މައި އިދިކޮޅު ކޮންގްރެސް ޕާޓިއަށް ނިސްބަތްވެވަޑައިގަންނަވާ އެޗް ވަސަންތާކުމާރު ކަމަށް ޚަބަރު ލިބެއެވެ.

އަސަންތަކުމާރު އަވަހާރަވެފައިވަނީ، ޓެމިލް ނާޑޫގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށް، ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

މެމްބަރު އަސަންތަކުމާރު އަވަހާރަވުމާ ގުޅިގެން، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވަނީ ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން އަސަންތަކުމާރު އަވަހާރަވި ޚަބަރާއެކު ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށާ، ވިޔަފާރިއާއި އިޖުތިމާއީ ދާއިރާއިން އަސަންތަކުމާރު ކުރެއްވި ހިދުމަތްތަކަކީ ފާހަގަ ކުރުން ހައްގު ހިދުމަތްތަކެއް ކަމަށެވެ. އަސަންތަކުމާރާއެކު ކުރެވުނު ހުރިހާ މަޝްވަރާއެއްގައިވެސް، ޓެމިލް ނާޑޫއަށް ކުރިއެރުން ގެނައުމަށް އޭނާގެ ކިބާގައި ހުރި ރޫޙު ފެނިވަޑައިގެންނެވި ކަމަށްވެސް މޯދީގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.

މެމްބަރު އަސަންތަކުމާރަކީ ކޮވިޑް-19ގެ ޝިކާރައަކަށްވެގެން އިންޑިއާއިން ފުރާނަ ގެއްލިދިޔަ ސިޔާސީ ޝަހްސުންގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ނަމަވެ. އިންޑިއާގެ ސްޓޭޓް ކެބިނެޓް މިނިސްޓަރު އަދި ބައިނަލްއަގުވާމީ ކުރިކެޓް ކުޅުންތެރިޔާ ޗެތާން ޗޯހާންވެސް ވަނީ ކޮވިޑް-19ގައި މިމަހު ކުރީކޮޅު އަވަހާރަވެފައެވެ.

އިންޑިއާއަކީ މިވަގުތު ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދަކަށް ރިޕޯޓް ކުރަމުންދާ އެއް ގައުމެވެ.