ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އަށް 2 ވަނަ ފަހަރަށް އިންފެކްޓްވެފައި ވާކަމަށް ބެލެވޭ ކޭސްއެއް، އެމެރިކާއިންވެސް ރިޕޯޓް ކޮށްފިއެވެ.

އެމެރިކާއިން ކޮވިޑް-19އަށް 2 ވަނަ ފަހަރަށް އިންފެކްޓްވި ފުރަތަމަ ކޭހުގެ ގޮތުގައި ރެކޯޑް ކޮށްފައިވާ ޕޭޝަންޓަކީ، ނެވާޑާއަށް ނިސްބަތްވާ، އުމުރުން 25 އަހަރުގެ ޒުވާނެއއް ކަމަށް ޚަބަރު ލިބެއެވެ.

ޔުނިވާސިޓީ އޮފް ނެވާޑާ ރީނޯ ސްކޫލް އޮފް މެޑިސިންއާއި ނެވާޑާ ސްޓޭޓް ޕަބްލިކް ހެލްތް ލެބޯޓްރީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ޒުވާނާގެ ހަށިގަނޑުން ސާމްޕަލް ނަގައިގެން ހެދި ޖެނެޓިކްސް ޓެސްތުތަކުން، ކޮވިޑް-19 ޖައްސާ ވައިރަހުގެ، ތަފާތު 2 ސްޓްރެއިންއެއް ވަނީ ފާހަގަ ކުރެވިފައެވެ.

މި ޕޭޝަންޓާ ބެހޭ ގޮތުން އާންމު ކޮށްފައިވާ ދިރާސާ ލިޔުމެއްގައި ބުނެފައިވާ ގޮތުގައި، މި ޒުވާނާއަށް ކޮވިޑް-19 ޖެހިފައިވާކަން އެންމެ ފުރަތަމަ އެނގުނީ އޭޕްރިލް މަހުއެވެ. އޭރު އޭނާގެ ހަށިގަނޑުން ބަލީގެ އާލާމާތްތައް ފެނުނެވެ. އެގޮތުން، ކަރުގައި ރިއްސުން، ކެއްސުން، ބޮލުގައި ރިއްސުން އަދި ބޭރަށް ހިންގުމުގެ އުނދަގޫތަކާވެސް އެ ޒުވާނާ ކުރިމަތިލި ކަމަށް މައުލޫމާތު ލިބެއެވެ. އޭޕްރިލް 27 ހިސާބުގައި އޭނާއަށް ލުއި ލިބުނު ކަމަށާ، އޭގެ ފަހުން 2 ފަހަރެއްގެ މަތިން ކޮވިޑް-19އަށް ނެގެޓިވް ވެފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

މަހެއްހާ ދުވަހު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފަހު، މެއި 31 ވަނަ ދުވަހު ހުން އައިސް، ބޮލުގައި ރިއްސުމުގެ އިތުރުން، ބޯ އެނބުރުމާ، ކެއްސުމާ، މޭ ނުބައިކޮށް ބޭރަށް ހިންގުމުގެ ތަކުލީފުތަކާއެކު ސިއްހީ ފަރުވާ ހޯދުމަށް އެ ޒުވާނާއަށް މަޖުބޫރުވިއެވެ. 5 ދުވަސް ފަހުން އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށް، އޮކްސިޖަން ސަޕޯޓްވެސް ދޭން ޖެހުނު ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކޮވިޑް-19އަށް ޓެސްޓު ކުރުމުން، ނަތީޖާ ދެއްކީ ޕޮޒިޓިވް ކޮށް ކަމަށް ޚަބަރު ލިބެއެވެ.

މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، ހޮންގްކޮންގްގެ ސައެންސްވެރިންނާ، ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުންވެސް ވަނީ ކޮވިޑް-19އަށް 2 ވަނަ ފަހަރަށް ޕޭޝަންޓުން އިންފެކްޓްވާ ކަމުގެ ހެކި ލިބިފައިވާކަން ހާމަކޮށްފައެވެ. ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާއިރު، ވެކްސިނެއްވެސް އަދި ނުލިބެއެވެ. ވެކްސިނެއް ލިބުނު ކަމުގައި ވީ ނަމަވެސް، ކޮވިޑް-19 އައިސްފައިވަނީ ތާ އަބަދަށް ކަމަށާ، މިއީ ސިލްސިލާ ގޮތެއްގައި ވެކްސިން ދޭން ޖެހިދާނެ ބަލިމަޑުކަމަކަށް ވެދާނެ ކަމުގެ އިންޒާރުވެސް ދާދި ފަހުން، ސައެންސްވެރިއަކު ވަނީ ދީފައެވެ.