އަފްގާނިސްތާނުގެ އުތުރުގެ ސަރަހައްދުތަކަށް ކުރަމުންދާ މޫސުމީ ގަދަ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 150 އަށްވުރެ މައްޗަށް އަރާ، އިތުރު އެތައް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ބޯކޮށްވާރޭވެހި، ކުއްލި ގޮތަކަށް ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި ގިނަ އަދަދެއްގެ ގެތަކަށް ގެއްލުން ވެފައިވާއިރު، ރަސްމީ މުއައްސަސާތަކުގެ އިތުރުން، އާންމު ރައްޔިތުންވެސް ދަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމިއުނިޓީ ލީޑަރެއް ކަމަށްވާ ސާފިއުއްﷲ ސާފީ ވިދާޅުވީ، ގިނަ އަދަދެއްގެ ބަޔަކަށް ވީނުވީއެއް އަދިވެސް ނޭނގޭ ކަމަށެވެ.

އޯގަސްޓް 26، 2020 ވަނަ ދުވަހު އަފްގާނިސްތާނަށް ކުރި ގަދަ ވިއްސާރާގައި ގެއްލުންވި ޕަރްވާން ޕްރޮވިންސް/ފޮޓޯ: ރޮއިޓާޒް

އަފްގާނިސްތާނުގެ ޕަރުވާން ޕްރޮވިންސަށް ކުރި ގަދަ ވިއްސާރާގައި 200 އެއްހާ ގެ ބިމާ ހަމަވެފައިވާއިރު، ނާމްސޫފިތަކަށްވެސް ގެއްލުންވެފައިވާކަމަށް ސާޗް އެންޑް ރެސްކިއު މިޝަންތަކުން މައުލުމާތު ދެއެވެ.

ކަންމިހެން އޮތްއިރު، ކަމާބެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވެނީ އެންމެ 1000 އާއިލާއަކަށް ކަމަށް މައުލުމާތު ލިބެއެވެ. މިއާއެކު އަފްގާނިސްތާނުގެ ރައްޔިތުން ވަނީ، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ކިބައިން އެހީތެރިކަމަށް އެދި، ގޮވާލާފައެވެ. މިދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ތަކުލިފާއެކު އަފްގާނިސްތާނުގެ އިގުތިސޯދުވެސް އިނދަޖެހިފައިވާ ވަގުތަކަށް ވާއިރު، ގިނަ ތަކުލީފުތަކަކާ އެގައުމަށް ވަނީ ކުރިމަތިލާންޖެހިފައެވެ.

އޯގަސްޓް 26، 2020 ވަނަ ދުވަހު އަފްގާނިސްތާނަށް ކުރި ގަދަ ވިއްސާރާގައި ގެއްލުންވި ޕަރްވާން ޕްރޮވިންސް/ފޮޓޯ: ރޮއިޓާޒް

މޫސުމީ ވިއްސާރައިގެ އަސަރު، ޕާކިސްތާނުގެ ވިޔަފާރި މަރުކަޒީ ކަރާޗީ ސީޓީއަށްވެސް ވަނީ ފޯރާފާއެވެ. ޕާކިސްތާނަށް ކުރަމުންދާ ވިއްސާރާގައި 17 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ.