ދުނިޔޭގެ އެންމެ ނުފޫޒުގަދަ 2 ގައުމުގެ ގޮތުގައި އޮތް އެމެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ވަރުގަދަ ދެބަސްވުންތަކުގެ މެދުގައި ފިތެމުންދާ ސޯޝަލް މީޑިއާ އެޕްލިކޭޝަން "ޓިކްޓޮކް"ގެ ޗީފް އެގްޒެކްޓިވް ކަމުގެ މަގާމުން، ކެވިން މޭޔާ އިސްތިއުފާ ދީފިއެވެ.

ޗައިނާގެ ބައިޓްޑާންސް ކުންފުނިން އޮޕަރޭޓްކުރާ ޓިކްޓޮކްގެ ޗީފް އެގްޒެކެޓިވް ކަމުގެ މަގާމުން މޭޔާ އިސްތިއުފާ ދީފައި މިވަނީ، އެމެރިކާގައި ޓިކްޓޮކް ބޭނުން ކުރުން މުޅިން މަނާ ކުރުމަށް އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް އަމާޒު ހިއްޕަވާފައިވާ ދަނޑިވަޅެއްގައެވެ.

ޓްރަމްޕްގެ ސަރުކާރުން ސިފަކުރާ ގޮތުގައި ޓިކްޓިކް އެޕްލިކޭޝަނަކީ އެމެރިކާގެ ގައުމި ސަލާމަތަށް އޮތް ނުރައްކަލެކެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ޓިކްޓޮކް ކުންފުނިން ދަނީ، އެމެރިކާއިން އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ ޒާތީ މައުލޫމާތު، ޗައިނާގެ ސަރުކާރާ ހިއްސާކުރަމުންނެވެ. ނަމަވެސް ޓިކްޓޮކް ކުންފުނިން މި ތުހުމަތުތަކަށް އިންކާރު ކުރެއެވެ.

ޑިޒްނީ ކުންފުނީގެ އިސް މަގާމު ދޫކޮށްލުމަށްފަހު ޓިކްޓޮކްގެ ޗީފް އެގްޒެކެޓިވް ކަމުގެ މަގާމާ މޭޔާ ހަވާލުވީ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް އެންމެ ފަހުން އެ މަގާމުވެސް ދޫކޮށްލަމުން މޭޔާ، އޭނާގެ މުވައްޒަފުންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ފާއިތުވީ ހަފުތާތަކުގައި ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ.

ޓިކްޓޮކް ކުންފުނީގެ ޗީފް އެގްޒެކެޓިވް ކަމުގެ މަގާމަށް މޭޔާ ހަމަޖައްސާފައިވަނީ ޗައިނާގެ މި އެޕްލިކޭޝަންގައި އެމެރިކާ ވަންތަ ކުލައެއް ޖެއްސުމަށް ކަމަށްވެސް ބުނެވެއެވެ.