އަފްގާނިސްތާނުގެ އުތުރުގެ ޕަރްވާން ޕްރޮވިންސަށް ކުރަމުންދާ ގަދަ ވިއްސާރައާ ގުޅިގެން ބުދަ ދުވަހު ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 100 އަށް އަރާފައިވާކަމަށް އޮފިޝަލުން ހާމަ ކުރައްވައިފިއެވެ.

ގަދަ ވިއްސާރައިގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި އިތުރު ބަޔަކު ޒަހަމްވެފައިވާއިރު، 500 އެއްހާ ގެއަށްވެސް ގެއްލުން ވެފައިވާކަމަށް އަފްގާނިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.

އޯގަސްޓް 26، 2020 ވަނަ ދުވަހު އަފްގާނިސްތާނަށް ކުރި ގަދަ ވިއްސާރާގައި ގެއްލުންވި ޕަރްވާން ޕްރޮވިންސް/ފޮޓޯ: ރޮއިޓާޒް

އޮފިޝަލުން ވަނީ މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރަށް މައްޗަށް ދިއުން އެކަށީގެންވާކަމަށް ވިދާޅުވެފައެވެ.

ޕަރްވާންގެ ގަވަރުނަރު، ފަޒްލުއްދީން އަޔާރު ވިދާޅުވީ އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލިފައިވުން އެކަށީގެންވާކަމަށެވެ. ޕްރޮވިންސްގެ ތަރުޖަމާނު، ވަހީދާ ޝަކާރު ވިދާޅުވީ، ފުރާނަ ގެއްލިދިޔަ މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ ކަމަށެވެ.

އަފްގާނިސްތާނުގައި ދަނޑުވެރިކަން ކުރަމުން އަންނަ މުޙައްމަދު ގާސިމް، އޭއެފްޕީއަށް ކިޔައިދީފައިވާ ގޮތުގައި ވިއްސާރައިގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި އޭނާގެ އާއިލާއިން 11 މެމްބަރެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އޯގަސްޓް 26، 2020 ވަނަ ދުވަހު އަފްގާނިސްތާނަށް ކުރި ގަދަ ވިއްސާރާގައި ގެއްލުންވި ޕަރްވާން ޕްރޮވިންސްގައި އިން ކުޑަކުއްޖެއް ޗަކައިން ފޯވެފައިވާ ދެ އަތްތިލަ ދައްކާލަނީ/ފޮޓޯ: އީޕީއޭ

އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީ ވަނީ، ވިއްސާރައާއި ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ހިސާބުތަކުގައި ތިބި މީހުންނަށް ކުއްލި އެހީ ފޯރުކޮށްދިނުމަށް އަމުރެއް ނެރުއްވާފައެވެ. ހާދިސާއިން ސަލާމަތްވި އެތައް ބަޔަކަށް، ކާބޯތަކެއްޗާ، ބޯހިޔާވަހިކަން ބޭނުންވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.