އެއްވެސް ސިޔާސީ ޕާޓީއަކާއެކު އެއްބަސްވުމެއް ހަދާފައި ނޯންނާނެ ކަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑީއާރްޕީ އަދި އެހެން އެއްވެސް ސިޔާސީ ޕާޓީއަކާއެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް އިދިކޮޅު ކޯލިޝަނުން މިހާތަނަށް ހަދާފައި ނޯންނާނެ ކަމަށެވެ.

އެ ކޯލިޝަނުން އަބަދުވެސް އިސްކަން ދެނީ އިސްލާމް ދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންނަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ވަކި ޑީއާރްޕީ އެއް ނޫން، އެއްވެސް ސިޔާސީ ޕާޓީއަކާއެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް މިހާތަނަށް މި ކޯލިޝަނު ހަދާފައެއް ނޯންނާނެ، މި ކޯލިޝަނުން އަބަދުވެސް އިސްކުރާނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ގައުމާއި ދިވެހި ރައްޔިތުން
އަދުރޭ

އަދުރޭ އެފަދައިން ވިދާޅުވެފައި ވާއިރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޕާޓީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން (ޕީޕީއެމް އަދި ޕީއެންސީ)އާ ގުޅިގެން ސިޔާސީ މަސައްކަތް ކުރަން ނިންމައިފައި ވަނީ މި މަހުގެ 19 ވަނަ ދުވަހެވެ.

އަދި އަދުރޭ އެފަދައިން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫންގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނިކޮށް ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު ޣައްސާން އަށް ގުޅުއްވައި އެމަނިކުފާނާ ގުޅޭގޮތުން ދައްކަވާފައިވާ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.