ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 24 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ.
މިއަދު ހެނދުނު 08:00 ގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 24050731 މީހަކު ވަނީ، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން، މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި ފާހަގަކޮށްފައިވަނީ 6627488 ކޭހެކެވެ. އެކްޓިވް ކޭސްތަކުގެ ތެރެއިން 61795 މީހެއްގެ ހާލު ސީރިއަސް/ކުރިޓިކަލް ކަމަށް ޚަބަރު ލިބެއެވެ.
މިވަގުތު ވަކި ގޮތަކަށް ނިމިފައިވާ ކޭސްތަކުގެ އަދަދު 17423243 އަށް އަރައެވެ. މީގެ ތެރޭގައި ހިމެނެނީ ޝިފާ ލިބި ރަނގަޅުވި 16599945 މީހުންނާ، މި ބަލީގައި ފުރާނަ ގެއްލިދިޔަ 823298 މީހުންނެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ބަލިމަޑުކަން ފެތުރިފައިވާ ގޮތަށް ބަލާއިރު އިއްޔެވެސް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން އިއްޔެ 66873 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވި ކަމަށް ދައްކައެވެ. މިއާއެކު އެ ގައުމުން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 3.23 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު އަދިވެސް ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނައީ އެމެރިކާގައެވެ. އެމެރިކާއިން މިހާތަނަށް 5955728 މީހަކަށް މި ބަލި ޖެހިގެން ރެކޯޑް ކޮށްފައިވެއެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު، ބަލިޖެހޭ މީހުންނަށް ފަރުވާ ދެމުންދަނީ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ބަލިޖެހޭ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ވަރަށް ކުޑަކޮށް އަލާމާތްތައް ފެންނަ މީހުންނާ، އެސިމްޓޮމެޓިކް ނުވަތަ ބޭރުފުށުން ބަލީގެ އަސަރު ނުފެންނަ މީހުންނެވެ.