މިޔަންމާގޭ ރާހީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ އަސްކަރިއްޔާއިން ހިންގި ގަތުލުއާންމުން ސަލާމަތްވުމަށް، ރެފިއުޖީންގެ ގޮތުގައި މިލިއަނެއްހާ މީހުން މިޔަންމާއިން ފޭބިތާ މިއަދަށް 3 އަހަރު ފުރުނީއެވެ. އަދިވެސް އެމީހުން ތާށިވެފައި ތިބީ، ފުރަތަމަ ދުވަހެކޭވެސް އެއް ފަދައިން، ބަންގްލަދޭޝްގައެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގެ ބަނަ ވިލަގަނޑުގައި ޖެހިފައި އޮތުމުން، ހިތުގެ ޝުއޫރުތައް ބޭރު ކުރަމުންދަނީ ރެފިއުޖީ ޖިފުޓިތަކުގައި ތިބެ، ހަނު ހިމޭން މުޒާހަރާއެއްގެ ގޮތުގައެވެ.

ފަހުގެ ތާރީހު ދުށް އެންމެ ހިތްދަތި ގަތުލުއާންމުގެ ގޮތުގައި ސިފަކުރެވޭ ހާދިސާއަށް ފަހު ބަންގްލަދޭޝްގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ މީހުންގެ ހަޔާތަށް އުޖާލާކަމެއް ލިބިފައެއް ނެތޭވެސް ދެންނެވިދާނެއެވެ. އަދާކުރާނެ ވަޒީފާއެއް ނެތެވެ. ދަރިންނަށް ތައުލީމު ދެވޭނެ ގޮތެއް ނެތެވެ. އަނބުރާ މިޔަންމާއަށް ގޮސް، ސަލާމަތުން އުޅެވިދާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

"މިޔަންމާ އަސްކަރިއްޔާއިން އަހަރަމެންގެ 10000 އަށް ވުރެ ގިނަ މީހުން މަރާލި. ގަތުލުއާންމު ހިންގާ، ރޭޕްކޮށް، އަމިއްލަ ފަސްގަނޑުން އަހަރަމެން ބޭރުކޮށްލި" ރެފިއުޖީ ކޭމްޕުތަކުގައި ދިރިއުޅެމުންދާ ރޯހިންޏާ ލީޑަރެއް ކަމަށްވާ މުހީބުއްލާ ބުންޏެވެ.

ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީން/ފޮޓޯ: އީޕީއޭ

ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންދާތާ 2 އަހަރު ފުރުން ފާހަގަކުރުމަށް އޭނާ ވަނީ މިދިޔަ އަހަރު ވަރުގަދަ ރެލީއެއް ކުރިއަށް ގެންގޮސްފައެވެ. ރޯހިންޏާ މީހުންގެ ފަރާތުން ކުރިމަތިވަނީ ތަކުލީފެއް ކަމުގައި ބަންގްލަދޭޝްއިން ދެކޭއިރު، އަސާސީ ގިނަ ހިދުމަތްތަކަކުންވެސް އެ މީހުން ވަނީ މަހްރޫމު ކުރެވިފައެވެ. ދިރިއުޅެމުންދަނީ އިންތިހާ ދަށު ދަރަޖައިގެ ހާލެއްގައެވެ. އިންޓަނެޓްގެ ހިދުމަތް މެދުކަނޑަލާފައި އޮންނަނީ މީގ އަހަރެއްހާ ދުވަސް ކުރިން ފެށިގެންނެވެ.

ގަތުލުއާންމަށް 3 އަހަރު ފުރުނުއިރު ބަންގްލަދޭޝްއިންވަނީ އެއްވުންތައް ބޭއްވުން މަނާ ކޮށްފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އެއްވެސް ކަހަލަ އެއްވުމުގެ ބޭއްވުމުގެ ފުރުސަތެއް ރޯހިންޏާ ރެފިއުޖީންނަކަށް ނެތެވެ. މިއަދު ރޯހިންޏާ ކޭމްޕު ވަނީ މުޅި ބަންގްލަދޭޝްއާ ވަކިކޮށްލާފައެވެ. އަސްކަރިއްޔާއިން ދަނީ ރެފިއުޖީ ކޭމްޕު ސަރަހައްދު ވަށައިގެން ނަރުދާ ޖެހުމުގެ އަމަލީ މަސައްކަތްވެސް ކުރަމުންނެވެ.

ނަރުދަލުގެ ރެފިއުޖީ ޖަލު ތެރޭގައި އެއްތަނުން އަނެއް ތަނަށް ގޮސް އުޅުމުގެ ފުރުސަތެއްވެސް ނެތެވެ. އެއީ ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއް ކަމަށް ބުނި ނަމަވެސް، ކޭމްޕުގެ އާންމު ހާލަތު އޮތީ އެފަދަ ގޮތަކަށް ނޫނެވެ. ތޮއްޖެހި، ފިތިބާރުވެފައިވާ ކޭމްޕު ސަރަހައްދުގައި ބަލިމަޑުކަމުގެ ކަމުގެ ކަންޏެއްގެ އަސަރު ކުރި ކަމުގައި ވީނަމަވެސް ހުޅުގަނޑު ފަޅައިގެންދާނެއެވެ. ޖިސްމާނީ ގައިދުރުކަން ދެމެހެއްޓޭކަށް ނެތެވެ. މިހާރުވެސް މިސަރަހައްދުން 84 ކޭސް ފެނިފައިވާއިރު، މި ބަލީގައި 6 މީހަކު މަރުވި ކަމަށް ރެކޯޑްކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ސަރަހައްދުގައި ދިރިއުޅެމުންދާ ރޯހިންޏާ ދަރިކޮޅުގެ ރެފިއުޖީ ކުދިންކޮޅެއް/ފޮޓޯ: މުޙައްމަދު ހުސައިން

"އެއްވެސް ކަހަލަ ރެލީއެއް ނެތް. މަސައްކަތެއް ނެތް. މިސްކިތުގައި ނަމާދެއް ނުކުރެވޭ. އެހީވެދޭނެ އެންޖީއޯއެއް ނެތް. އެހީގެ އެއްވެސް ހަރަކާތެއް ނެތް. ސްކޫލެއް، މަދަރުސާއެއް ނެތް. ކާބޯތަކެތި ފޯރުކޮށްދޭނެ މީހަކު ނެތް" މުހީބުއްލޯ ބުންޏެވެ.

ބަންގްލަދޭޝްއިންވަނީ މިޔަންމާގެ ރޯހިންޏާ ދަރިކޮޅުގެ މީހުން އަނބުރާ އެ ގައުމަށް ފޮނުވާލުމަށް މިޔަންމާގެ ކަމާ ބެހޭ ފަރާތްތަކާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. ނަމަވެސް، ފުރާނަ ސަލާމަތް ވާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ބުނެ، އަމިއްލަ އިހުތިޔާރުގައި، އެނބުރި މިޔަންމާއަށް ދާނެ މީހަކު ނެތެވެ. އުޅެންޖެހުނު ކޮންމެ ހާލެއްގައިވެސް އެމީހުން ބޭނުންވަނީ ބަންގްލަދޭޝްގައި މަޑުކުރާށެވެ. ދިރިއުޅުން އުޖާލާ ކުރެވޭނެ އެހެން މަގެއް ފެންނާނެ ދުވަހެއްގެ ކޮޅުމަތި ފެންނަން ނެތް ކަމުގައި ވީ ނަމަވެސް، މިއަދު އެ ހިތްތަކަށް އެންމެ ފަސޭހަ ގޮތަކީ އެއީއެވެ.

މިޔަންމާގައި މިހާރުވެސް ރޯހިންޏާ ދަރިކޮޅުގެ 6 ލައްކައެއްހާ މީހުން އެބަތިއްބެވެ. ނަމަވެސް މިޔަންމާއިން ބުނާ ގޮތުގައި އެއީ އެގައުމުގެ ރަށްވެހިންނެއް ނޫނެވެ. މިޔަންމާއިން ބުނާ ގޮތުގައި އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ބައެކެވެ. ނަމަވެސް ބަންގްލަދޭޝްއިން އެކަން ގަބޫލު ކުރުމަށް ދެކޮޅު ހަދައެވެ.