ފްލައިޓެއްގެ މަތީގައި ވަނިކޮށް ކުރިމަތިވި ސިއްހީ މައްސަލަތަކަކާއެކު ކޯމާއަކަށް ގޮސްފައިވާ ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީއަށް ވިހައެއް ދީފައިވާކަން ކަށަވަރުވާކަމަށާ، އެ ވިހައަކީ ކޮލިނިސްޓެރޭސް އިންހިބިޓާޒް ގުރޫޕަށް ފެތޭ މާއްދާއެއް ކަމަށް، އޭނާއަށް މިހާރު ފަރުވާ ދެމުންދާ ޖަރުމަނުވިލާތުގެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މި ވިހައަކީ ސިކުނޑިން ނާރުތަކަށް މެސެޖުފޮނުވައިދޭ ނިއުރޯޓްރާންސްމިޓަރުތަކުގެ މަސައްކަތަށް ހުރަސްއަޅާ ވިހައެކެވެ. އެގޮތުން މިވިހައިން ހުރަސް އަޅައި ހުއްޓުވަނީ "އެސީޓަލްކޯލީން" އޭ ކިއާ ނިއުރޯޓްރާންސްމިޓަރެއްގެ މަސައްކަތަށެވެ. މިއީ މަސްތަކުގެ ހަރަކާތްތަކަށް ބާރުއަޅާ ވާގިވެރިވެދޭ ނިއުރޯޓްރާންސްމިޓަރެކެވެ. މިނިއުރޯޓްރާންސްމިޓަރުގެ މަސައްކަތަށް ހުރަސްއަޅައި ހުއްޓުވައިފިނަމަ، މަސްތަކުގެ ބާރުދޫވެ، ވާގިނެތޭގޮތްވާނެ އެވެ.

ފްލައިޓް މަތީގައި ނަވާލްނީއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، ކޯމާއަކަށް ދިއުމުގެ ކުރިން އެއާޕޯޓް ތެރޭގައި އޭނާ ސައިތައްޓެއް ބުއި ކަމަށާ، ވިހަ ލާފައި ވަނީ އެ ސައިތައްޓަށް ކަމަށް ނަވާލްނީގެ ސަޕޯޓަރުން ގަބޫލުކުރެއެވެ. ސައިބީރިއާގެ ހޮސްޕިޓަލެއްގައި ފަރުވާ ދިނުމަށްފަހު، ނަވާލްނީ ޖަރުމަނުވިލާތަށް ބަދަލުކޮށްފައިވާއިރު، އޭނާއަށް މިހާރު ފަރުވާ ދެމުންދާ ޖަރުމަނުވިލާތުގެ ހޮސްޕިޓަލުން ބުނީ މި ބަލީގެ ސަބަބުން އޭނާގެ ސިއްހަތަށް ދެން ކުރިމަތިވެދާނެ ހާލަތެއް ލަފާ ކުރަން އަދި ނޭނގޭ ކަމަށެވެ.

ނަމަވެސް، ރަޝިއާގައި ނަވާލްނީއަށް ފަރުވާ ދިން ޑޮކްޓަރުންވަނީ، އޭނާގެ ހަށިގަނޑަށް ވިހައެއް ލާފައިވާ ކަމުގެ އަސަރު ފެނިފައި ނުވާކަމަށް ބުނެފައެވެ.

ޖަރުމަނުވިލާތުގެ ޗާންސެލާ އެންހެލާ މާކޭލް ވަނީ، ނަވާލްނީއަށް މިހާލު ޖެއްސި ބަޔަކު ހޯދާ، އެ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން، ވިލާތުގެ އިއްތިހާދު (އީޔޫ)އިންވެސް ވަނީ މިހާދިސާގެ މިނިވަން ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.