ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން އެކަހެރިކޮށް ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަނުޖެހި 5 މަސް ދުވަސް ވުމަށް ފަހު މިއަދު އެ އިންތިޒާމް ހަމަޖެހި ބައްދަލު ކުރެވިއްޖެއެވެ.

މިއަދު ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންނާ ބައްދަލު ކުރެވިފައި ވަނީ 5 މަސް ދުވަހަށް ފަހުއެވެ. އެންމެ ފަހުން ބައްދަލު ކުރެވުނީ މާޗް މަހުގެ ފަހުކޮޅު ކަމަށް ވަކީލުން މައުލޫމާތު ދެއްވައެވެ. މި ބައްދަލުވުން ހަމަޖައްސާފައި ވަނީ ކްރިމިނަލް ކޯޓުގެ އެދުމަށް ކަރެކްޝަންސް އިންނެވެ.

އެގޮތުން ކަރެކްޝަންސް އިން ވަނީ މިއަދު މެންދުރު 2:00 އަށް ވަކީލުންގެ ބައްދަލުވުން ހަމަޖައްސާފައެވެ. ހަމައެއާއެކު، ބައްދަލުވުމަށް މާފުށީ ޖަލަށް ވަކީލުން ވަޑައިގަތުމުން، އެ ރަށަށް ފޭބުމުގެ ހުއްދަ ވެސް ހޯދައިދީފައި ވަނީ ކަރެކްޝަންސްގެ ފަރާތުންނެވެ.

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް އެމަނިކުފާނުގެ ވަކީލުން ވަނީ މިމަހު 17 ވަނަ ދުވަހު ވެސް މާފުއްޓަށް ވަޑައިގެންފައެވެ. ނަމަވެސް އެރަށަށް އެރުމުގެ ހުއްދަ ނުލިބި ޖެހުނީ އަނބުރާ ވަޑައިގަންނަވާށެވެ.

ރައީސް ޔާމީނަށް ވަކީލުންގެ އެކަހެރި ބައްދަލުކުރުމުގެ ފުރުސަތު ދިނުމަށް ކަރެކްޝަނުގެ މައްޗަށް އަމުރު ކުރުމަށް ކްރިމިނަލް ކޯޓުގައި މިމަހު 16ގައި ބޭއްވި އަޑުއެހުމުގައި ވަނީ ނިންމާފައެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ، ރައީސް ޔާމީނާ ވަކީލުންނަށް ބައްދަލުކުރެވޭނެ އިންތިޒާމް މިމަހު 17 ވަނަ ދުވަހު މެންދުރު 2:00 ގައި ހަމަޖެހިފައިވާ ކަމަށް ކަރެކްޝަންސްއާ ހަވާލާދީ ބުނެފައެވެ.

އެކަމާ ގުޅިގެން ކަރެކްޝަނުން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމިން ވަކީލުންނާ ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ސާވިސްގެ މައްޗަށް މިހާތަނަށް އެއްވެސް ކޯޓަކުން އަމުރުކޮށްފައިނުވާ ކަމަށެވެ. އެހެން ނަމަވެސް، ވަކީލުންގެ ފަރާތުން ހޯދަން ޖެހޭ އެހީތެރިކަން ހޯދުމަށް ރައީސް ޔާމީންގެ ވަކީލުންނާއި އެކަހެރިކޮށް ބައްދަލުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ކްރިމިނަލް ކޯޓުން އެދިފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ މީގެ ކުރިންވެސް ބައްދަލުވުން ހަމަޖައްސައިދީ ޖަލަށް ވަޑައިގަތުމުން، ބައްދަލުކުރޭވެނެ ކަމަށް އެފަރާތުގެ ގާނޫނީ ވަކީލުންނައް އަންގާފައިވާނެ ކަމަށެވެ.

ރައީސް ޔާމީނާ ވަކީލުންނާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައިނުދޭ މައްސަލަ ބޮޑުވެފައިވާއިރު، އެކަން ހަމަނުޖެހިގެން އުޅެނީ ވަކީލުމް، ރައީސް ޔާމީނާ އެކަހެރި ބައްދަލުވުމެއް ބޭނުންވާތީއެވެ. އަދި ކޮވިޑްގެ މިހާލަތުގައި ރަށްރަށަށް ދަތުރުކުރުމުގައި ވެސް ގިނަ ގޮންޖެހުންތަކެއް ހުރުމާއެކު، ކަރެކްޝަނުން ގައިދީންނާ ވަކީލު ބައްދަލުވުން އިންތިޒާމް ކޮށްދެނީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށެވެ. އެކަހެރި ބައްދަލުވުން ބޭނުންވާ ފަރާތްތަކުން މާފުއްޓަށް ދިއުމަށް ހޯދަން ޖެހޭ ހުއްދަތައް ހޯދަން ޖެހެނީ އެ ފަރާތްތަކުން އަމިއްލައަށެވެ.

ރައީސް ޔާމީންގެ ޖުމްލަ 3 މައްސަލައެއް މިހާރު ކޯޓުގައި ކުރިއަށް އެބަގެންދެއެވެ. އެގޮތުން، ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި ކަމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައިވާއިރު، މި މައްސަލައިގެ އިސްތިއުނާފު މިހާރު ހައި ކޯޓުގައި ކުރިއަށް އެބަގެންދެއެވެ.

އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝަވަތު ގަބޫލު ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.