ލޯކަލް ކައުންސިލްތަކުން އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމާ ދެކޮޅަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ހައި ކޯޓުން ހަމަޖައްސައިފިއެވެ.

އެ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު ފަށާއިރު، ޝަރީއަތް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރާނެ ކަމަށް ހައި ކޯޓުން ބުނެއެވެ. މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ހައި ކޯޓުން ބުނެފަިއވީ ނަމަވެސް، އެ ބެންޗުގައި ތިއްބަވާނީ ކޮން ފަނޑިޔާރުންނެއް ކަމެއް ހައި ކޯޓުން ނުބުނެއެވެ.

ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެެނސްފައި ވަނީ މިދިޔަ އަހަރެވެ. ނަމަވެސް އެ މާއްދާ ބާތިލް ކޮށްދިނުމަށް އެދި އެކްޓިވިސްޓް މޫސާ އަންވަރު ވަނީ ހައި ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ބާތިލްކުރަން މޫސާ އަންވަރު ފުރަތަމަ ހުށަހެޅުއްވީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން އެންގީ އެ މައްސަލަ ފުރަތަމަ ބަލަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ.

މިއަހަރު އޭޕްރީލްމަހު ބާއްވަން ނިންމި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަ ކުރުމަށް ހުޅުވާލީ ލާމަރުކަޒީ ގާނޫނަށް އެ އިސްލާހު ގެނައުމަށްފަހުއެވެ. ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވުމާ ގުޅިގެން އެ އިންތިހާބު ވަނީ ފަސްކޮށްފައެވެ.