ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ގާނޫނު އަސާސީއަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރު މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ އިންތިހާބެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް ގާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގެ ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް މުތުލަގުގޮތެއްގައި ބަޔާންކޮށްފައިނުވާތީ ކަމަށް ވިދާޅުވެއެވެ.

އެގޮތުން، 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ރާއްޖޭގެ ގާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފައެވެ. އެ ވޯޓުގައި ރައްޔިތުންގެ އަގުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ގާޖާބިރު ވިދާޅުވީ، ނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށް އަދި ރާއްޖޭގެ ވެރިކަން ހިންގަމުންދާ ގޮތަށް ބަލާއިރު، ރާއްޖޭގެ ވެރިކަން ހިންގަމުންދަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެމުންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުުވަމުން އަންނައިރު، ރައްޔިތުންނަށް އެ ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެން ދިޔުމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުވިޔަސް ރައްޔިތުންގެ އަސާސީ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށާއި އޭރުންވެސް ރައީސުލްޖުމްހޫރިއްޔާ އަކާއި ރައްޔިތުންގެ މަޖިލީހެއް ރައްޔިތުން އިންތިހާބު ކުރަން ޖެހޭނެކަމަށް ޖާބިރުގެ އިސްލާހުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މި އިސްލާހާއެކު ގާނޫނު އަސާސީ އާ ތައާރުޒުވާނެ ކަމެއް ނޫން ކަމަށް ޖާޞިރު ވިދާޅުވިއެވެ.

ޖާބިރު މި އިސްލާހު ހުށަހަޅުއްވަން އުޅުއްވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުން ފެށިގެންނެވެ.

ބަރުލަމާނީ ނިޒާމަކަށް އެންމެ ބޮޑަށް ތާއިދު ކުރައްވާ އެއް ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން އެމަނިކުފާނު ވަނީ މި ގާނޫނުއަސާސީ ބިނާވެގެން އައީ ވަރަށް ބޮޑަށް ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަމުގެ ނިޒާމު އޮންނަންވީ ގޮތާ ގުޅޭ ގޮތުން ނެގި ވޯޓުގެ ނަތީޖާ އެމްޑީޕީން ބަލައި ނުގަންނަ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، ވެރިކަން ކުރުމުގައި ދިމާވި ހުރިހާ ދައްޗެއް ދިމާވީ މި ގާނޫނުއަސާސީ ތަންފީޒުކުރަން ރިޔާސީ ނިޒާމެއްގައި ލިބުމުން ކަމަށެވެ. ސަބަބެއް ކަމުގައި އެމަނިކުފާނު ވިދާޅުވީ އެއީ މި ގާނޫނުއަސާސީއަކީ ތޮބީއީ ގޮތުން ރިޔާސީ ނިޒާމަކަށް ފައްކާވެފައި އޮތް ނިޒާމެއް ނޫން ކަމަށް ވާތީ ކަމަށެެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ގޮތުގައި ވެރިކަމުގެ ނިޒާމާމެދު ވިސްނައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅެއް ނުވެއެވެ. ރައީސް ސޯލިހް ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލީ ގިނަ މަޝްވަރާތަކަކަށްފަހު ކަމަށާއުި، ވެރިކަން ކުރާ ނިޒާމަކާމެދު ސީދާ ރައްޔިތުން ނިންމި ނިންމުމެއްގެ މައްޗަށް ކަމަށެވެ. އަދި އެ ނިޒާމު ބަދަލުކުރަން ވިސްނުމުގެ ކުރިން، އަނެއްކާވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.