ކޮވިޑް-19 އާ ގުޅިގެން ދައުލަތުގެ އިދާރާތަކުން ކޮށްފައިވާ ހަރަދުތައް ބެލުމަށް ކުރަމުންދާ އޮޑިޓުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހަރަދުތައް ކޮށްފައި ވަނީ ރަނގަޅަށް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

އޮޑިޓް އޮފީހުން ބުނީ ފޮރިން މިނިސްޓްރީން ހަރަދުތައް ކޮށްފައި ވަނީ ދައުކަތުގެ މާލިއްޔަތުގެ ގާނޫނާއި، މާލިއްޔަތު ގަވާއިދާއި، ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާއި އަދި ހަރަދު ކުރުމަށް ފޮރިން މިނިސްޓްރީން އެކުލަވާލު އުސޫލުތަކާ ވެސް އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ކޮވިޑްގެ ކަންކަމަށް ހަރަދު ކުރުމަށް ދައުލަތުގެ ބަޖެޓުންނާއި ހާލުގައި ޖެހިފަިއ ތިބި ދިވެހިންނަށް ހަރަދު ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ޒަކާތު ޓްރަސްޓްފަންޑުން ދޫކުރި ފައިސާއާއެކު ޖުމްލަ 10.1 މިލިއަން ރުފިޔާ ވަނީ ފޮރިން މިނިސްޓްރީ އަށް ދޫކޮށްފައެވެ. އޭގެއިން އެ މިނިސްޓްރީން ވަނީ، 7.2 މިލިއަން ރުފިޔާ ހޭދަކޮށް، 2.8 މިލިއަން ރުފިޔާ ބާކީކޮށްފައެވެ.

ފޮރިން މިނިސްޓްރީން ވަނީ ބޭރުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންނަށް ފައިސާގެ އެހީގެ ގޮތުގައި 2.6 މިލިއަން ހޭދަކޮސްފައެވެ. އަދި ބޭރުން މެޑިކަލް ދާއިރާއިން ތައުލީމު ހާސިލު ކުރަމުން ދިޔަ ދިވެހިންނާއި އިތުރު ބައެއް ދިވެހިން އަނބުރާ ރާއްޖެ ގެނައުމަށް 4.1 މިލިއަން ހޭދަކޮށްފައިވާއިރު، އެހެނިހެން ހަރަދުތަކަށް އެ މިނިސްޓްރީން ވަނީ 5 ލައްކަ ރުފިޔާ ހޭދަކޮށްފައެވެ. އެހެނިހެން ހަރަދުތަކުގެ ތެރޭގައި ހިމެނެނީ ފޮރިން މިނިސްޓްރީ އަދި ރާއްޖެިން ބޭރުގައި ހުރި މިޝަންތަކުން އިދާރީގޮތުންނާއި އެހެނިހެން ކަންކަމަށް ކުރަން ޖެހުނު ހަރަދުތަކެވެ.

އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، ފޮރިން މިނިސްޓްރީން ވަނީ، 12 ގައުމަކުން 307 މީހަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމީހުންނަށް ހަރަދުކޮށްފައި ވަނީ ޖުމްލަ 2.6 މިލިއަން ރުފިޔާއެވެ.

  • ރާއްޖެ: އެކަކަށް 15،347 ރުފިޔާ
  • އޮސްޓްރޭލިއާ: އެކަކަށް 6939 ރުފިޔާ
  • ތުރުކީ: އެކަކަށް 6939 ރުފިޔާ
  • ޔޫކޭ: އެކަކަށް 485 ރުފިޔާ
  • ޔޫއޭއީ: 2 މީހުންނަށް 6939 ރުފިޔާ
  • އިންޑޮނޭޝިއާ: 3 މީހުންނަށް 20،819 ރުފިޔާ
  • ޗައިނާ: 9 މީހުންނަށް 89،025 ރުފިޔާ
  • މެލޭޝިއާ: 13 މީހަކަށް 81،873 ރުފިޔާ
  • ތައިލެންޑް: 13 މީހަކަށް 88،819 ރުފިޔާ
  • ނޭޕާލް: 17 މީހަކަށް 183،498 ރުފިޔާ
  • ސްރީލަންކާ: 19 މީހަކަށް 88،489 ރުފިޔާ
  • އިންޑިއާ: 227 މީހަކަށް 2،069،475 ރުފިޔާ

މީގައި ރާއްޖެއިން މީހަކަށް 15،347 ރުފިޔާ ހޭދަކޮށްފައި ވަނީ، އިމަޖެންސީކޮށް ބޭސްފަރުވާ ކޮށްދިނުމުގެ ހަރަދުތައް ހަމަޖެއްސުމަށް ކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ވަނީ 4 ގައުމަކުން ޖުމްލަ 180 މީހަކު އެ މިނިސްޓްރީގެ ހަރަދުގައި ރާއްޖެ ގެނެސްފައެވެ. އެގޮތުން، ޗައިނާއިން 12 މީހަކު ގެނައުމަށް 75،000 ރުފިޔާ ހޭދަކޮށްފައިވާއިރު، ނޭޕާލުން 99 މީހަކު ގެނައުމަށް 2.2 މިލިއަން ހޭދަކޮށްފައިވެއެވެ. އަދި ޕާކިސްތާނުން 6 މީހަކު ގެނައުމަށް 72،000 ހޭދަކޮށްފައިވާއިރު ފިލިޕީންސުން 63 މީހަކު ގެނައުމަށް 1.6 މިލިއަން ހޭދަކޮށްފައެވެ. މި 180 މީހުންގެ ޓިކެޓުތަކަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ވަނީ އަރާފައެވެ.

އެހެނިހެން ހަރަދުތަކަށް 5 ލައްކަ ހޭދަކޮށްފައިވާއިރު، އެ ފައިސާ ހޭދަކުރީ 10 ގައުމަކަށެވެ. އެއީ ޗައިނާ، އިންޑިއާ، މެލޭޝިއާ، ސްރީލަންކާ، ތައިލެންޑް، ޔޫކޭ، ބަންގްލަދޭޝް، ބެލަރުސް، ސައުދި އަރައްބިއްޔާ އަދި ރާއްޖެއެވެ.