މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް އަމިއްލަ ކްލަބް ޖަމިއްޔާތަކާއި ކުޅިވަރު އެސޯސިއޭޝަންތަކަށް ދީގެން ތަރައްގީ ކުރުމަށް އިގްތިސާދީ ކައުންސިލްގެ ލަފައަކަށް އެދިފައިވާ ކަމަށް ޔޫތް މިނިސްޓަރު މަހްލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު މިހެން ވިދާޅުވީ، އެ މިނިސްޓްރީގެ ދަށުގައި ހުރި ބިންތައް ދޫކޮށްފައިވާ ފަރާތްތަކާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ދޫކޮށްފައިވާ ކަމަށާއި އެހެންނަމަވެސް މިނިސްޓަރުކަމާ ހަވާލުވި ފަހުން އެގޮތަށް ބިން ދޫކޮށްފައި ނުވާނެ ކަމަށެވެ. އަދި އެކަން ކުރުމަށް މިހާރު އިކޮނޮމިކް ކައުންސިލްގެ ލަފައަކަށް އެދިފައިވާނެ ކަމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން އިކޮނޮމިކް ކައުންސިލްގައި އެދިފައިވާނެ ބައެއް ބިންތައް އަމިއްލަ ފަރާތްތަކަށް، ކްލަބް ޖަމިއްޔާތަކަށް، ހަވާލުކޮށްގެން ބައެއް މަސައްކަތްތައް ކުރިއަށް ގެންދާން، މިނިސްޓްރީގެ ވިސްނުމަކީ އެ ކަން ބިޑްކޮށްގެން އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކަށް ދީގެން އެ ތަންތަން ތަރައްގީ ކުރުން
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

މަހުލޫފު ވަނީ މިހާރު ދޫކޮށްފައިވާ ބައެއް ބިންތަކުގެ ތަފްސީލު ދެއްވާފައެވެ، އެގޮތުން 2016 ވަނަ އަހަރު އެފްއޭއެމަށްވެސް 50 އަހަރަށް ވިލިމާލެގެ ފުޓްބޯޅަ ދަނޑާއި ސްޓޭޑިއަމް ހިއްކި ބިން ދީފައިވާ ކަމަށް މަހުލޫފު ވަނީ ވިދާޅުވެފައެވެ.