ފ. ބިލެއްދޫ މޮނީޓަރިންގެ ހާލަތަށް ގެންގޮސްފިއެވެ.

ބިލެއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުން މަހަށް ނިކުތް "ރާސްތާ" ދޯނިން ނިޔާވި މީހާ، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފައެވެ. ނިޔާވީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ކޮވިޑަށް ޓެސްޓުކޮށްފައިވަނީ ގުރައިދޫ އިންނެވެ. އެކޭސް އާ ގުޅިގެން މިހާރު ދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންނެވެ.

އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެއެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައެެވެ.

މިހާރު މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 25 ރަށެއްގައެވެ. އެއީ ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ރ. ދުވާފަރު، ރ. ކިނޮޅަސް، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، ލ.ގަން، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ފ. ބިލެއްދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.