ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާއެކު އާންމު ދިރިއުޅުމުގެ އާ އާންމު ހާލަތަށް ފެށުމުގެ ކުރިންވެސް އެ ތަނެއްގައި އަތްލާ އުޅުމަށް އެންމެ ގިނަ ބަޔަކު އެންމެ ޖެހިލުންވި އެއް ތަނަކީ މަތިންދާބޯޓުތަކުގައި ހުންނަ އާންމު ފާހާނައިގެ ދޮރާ، އެ ދޮރު ތަޅޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ.

ކޮވިޑް-19އާއެކު އެންމެ ސަމާލުވާންޖެހޭ އެއް ތަނަކީ ދޮރުތަކުގެ ތަޅުތައް ކަމަށްވާއިރު، ޖަޕާންގެ އޭއެންއޭ އެއާލައިން މިހާރު ދަނީ، މިވަގުތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާ، އަތްތިލަ ބޭނުން ކުރަން ނުޖެހޭ ގޮތަށް ހުޅުވާ ލައްޕާ ހެދޭ ތަޅުތަކެއް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

"ހޭންޑްސް-ފްރީ ބާތްރޫމް ޑޯ"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގައި ޓެސްޓު ކުރަމުންދަނީ އަތުގެ އުޅަނބޮށި ބޭނުން ކޮށްގެން ދޮރު ހުޅުވާ ލައްޕާ ހެދޭނެ އުކުޅެއް ކަމަށް މައުލޫމާތު ލިބެއެވެ.

މަތިންދާ ބޯޓެއްގެ ފަރުމާއަކަށް ބަދަލު ގެނައުމަކީ އެއްވެސް ހާލެއްގައި މާ ފަސޭހަ ކަމެއް ނޫނެވެ. އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ، ޖާގައިގެ ދަތިކަމެވެ. ކޮންމެ ބަދަލެއް ގެނައި ކަމުގައި ވީ ނަމަވެސް ބޭނުން ކުރަންޖެހެނީ ނިސްބަތުން ކުޑަ ޖާގައެކެވެ. ދޮރުތަކުގައި މާ ބޮޑެތި އަތްގަނޑުތަކެއް ހަރުކުރެވޭކަށް ނޯވެއެވެ.

ޖާގައިގެ ދަތިކަމާ، ކޮވިޑް-19ގެ ނުރައްކަލަށް ބަލައިގެން އޭއެންއޭއިން ފާހާނާ ދޮރުގެ ތަޅު ފަރުމާ ކުރީ އިސްފިރޭނެއް ބޭނުންކޮށްގެންނެވެ. އެހެންކަމުން އަތުގެ އިނގިލިތަކުން ހިފާ ދެމުގެ ބަދަލުގައި އުޅަނބޮށިން ކޮއްޕާލުމުން ހުޅުވާ ލައްޕާ ހަދާލެވެއެވެ. ފާހާނާ އެތެރެއިން ތަޅުލުމަށްވެސް ހަރުކޮށްފައިވަނީ އެއް ކޮޅުން އަނެއްކޮޅަށް ހުރަހަށް ދަމާލަވޭ ޒާތުގެ ތަންޑެކެވެ. މި ތަންޑުގައި ހުންނަނީ ބޮޑު ގޮށެއް ފަދަ ގޮބެއް ހަރުކޮށްފައެވެ. މި ގޮބަކީވެސް އުޅަނބޮށިން ކޮއްޕާ ހެދޭ ގޮތަށް ފަރުމާކޮށްފައިވާ ގޮބަކަށް ވުމާއެކު، މި ގޮބުގައިވެސް އަތްލާކަށް ނުޖެހެއެވެ.

އޭއެންއޭގެ މި އިޖާދު މިވަގުތު ޓެސްޓު ކުރަމުންދަނީ އެ އެއާލައިންގެ އެއާޕޯޓް ލައުންޖުގައެވެ. އެއީ، ކަސްޓަމަރުންގެ ފަރާތުން ލިބޭ ތަރުހީބާ ފާޑުކިއުންތައް ވިލަރެސް ކުރުމަށެވެ. މިމަހުގެ ނިޔަލަށް މި ތަޖުރިބާތައް ކުރިއަށް ދާނެ ކަމަށް ޚަބަރު ލިބެއެވެ. މި އަށްވުރެ މި ނިޒާމު ފުޅާ ކުރާނީ ނަތީޖާތަކަށް ބެލުމަށްފަހުގައެވެ.

ކޮވިޑް-19އަކީ އިންފެކްޓްވެފައިވާ މީހެއްގެ ހަށިގަނޑުން ފަސޭހަކަމާއެކު އަނެކާގެ ހަށިގަނޑަށް ފޯރާ ބައްޔަކަށް ވާއިރު، މި ބަލިން ދިފާއުވުމަށް މިވަގުތަށް އެޅެންހުރީ އާދައިގެ ފިޔަވަޅުތަކެކެވެ. އެގޮތުން ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމާ، މާސްކު ބޭނުން ކުރުން ހިމެނެއެވެ. މީގެ އިތުރުން، ސައިބޯނިލައިގެން، ގިނަގިނައިން އަތް ދޮވެ، ސާފުކޮށް، ހިއްކުމަކީވެސް ކޮވިޑް-19އިން ދިފާއުވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.