ރިހެބިލިޓޭޝަން ސެންޓަރުން ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

‏ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ބުނީ ރިލީޒް ސާމްޕަލްގެ ތެރެއިން 2 މީހަކު ރިހެބިލިޓޭޝަން ސެންޓަރުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން އުމުރެއްގެ ބައެއް ކަމެއް އެޗްއީސީން ހާމަކޮށްފައެއް ނުވެއެވެ.

‏ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރެމުންދާއިރު އިއްޔެ ވެސް ކޮވިޑަށް ވަނީ 119 މީހަކު ޕޮޒިޓިވް ވެފައެވެ. އޭ ތެރޭގައި ހިމެނެނީ، 100 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 11 މީހަކާއި އިންޑިއާގެ 3 މީހަކާއި ފިލިޕީންސްގެ 3 މީހުންނާއި އެމިރޭޓްސްގެ ދެ މީހުން އަދިސްރީލަންކާގެ އެކަކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 110 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވް ވެފައިވާއިރު، 9 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

‏މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6779 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 4222 އަށް ވަނީ އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 24 މީހަކު ވަނީ މަރުވެފައެވެ.

‏މިހާރު މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 24 ރަށެއްގައެވެ. އެއީ ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ރ. ދުވާފަރު، ރ. ކިނޮޅަސް، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. މާމިގިލި، އދ. އޮމަދޫ،ލ. ގަން، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.