މިމަހު 4 އިން 23 އަށް ކާފިއު ގަޑީގައި ބޭރުގައި އުޅެގެން 18 އަހަރާއި 40 އަހަރާ ދެމެދުގެ 2869 މީހަކަށް ފިޔަވަޅު އަޅާފައި ވާ ކަމަށް ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފު ވިދާޅުވެއްޖެއެވެ.
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފު ވިދާޅުވީ މިމަހު 4 އިން 23 އަށް ކާފިއު ވަގުތުތަކުގައި 18 އަހަރުން ދަށުގެ 86 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި 18 އަހަރާއި 40 އަހަރާ ދެމެދުގެ 2869 މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.
ޝަރީފު އިތުރަށް ވިދާޅުވީ 41 އަހަރާއި 65 އަހަރާ ދެމެދު 259 މީހަކަށާއި 65 އަހަރުން މަތީގެ 2 މީހަކަށް ކާފިއު ވަގުތުގައި ބޭރުގައި އުޅުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
އެ މުއްދަތުގައި 18 އަހަރުން ދަށުގެ 116 މީހަކަށް މާސްކް ނޭޅުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި 18 އަހަރާއި 40 އަހަރާ ދެމެދުގެ 1951 މީހަކަށާއި 41 އަހަރާއި 65 އަހަރާ ދެމެދުގެ 353 މީހަކަށް މާސްކު ނޭޅުމުގެ ސަބަބުން ފިޔަވަޅު އަޅާފައިވާ ކަމަށް ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި 65 އަހަރުން މަތީގެ އަށް މީހަކަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި މިރެއިން ފެށިގެން، ރޭގަނޑު 8 އިން ފަތިހު 5 އަށް އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާ ކަމެކެވެ. އަދި ރޭގަނޑު 10 އިން ފަތިހު 5 އަށް ބޭރުގައި އުޅުން މަނާ ވާނެއެވެ. އަދި ޖޫރިމަނާގެ ގޮތުގައި 1000 ރުފިޔާ ދައްކަން ޖެހެއެވެ.
މާސްކު ނާޅާ ނަމަވެސް ޖޫރިމަނާގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ޖެހެއެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބޭރަށް ނިކުމެ އުޅޭއިރު އަޅަން ޖެހެނީ އަނގައާއި ނޭފަތާއި ދަތްދޮޅި ނިވައިވާ ގޮތަށެވެ.
ބޭރުގައި އުޅޭއިރު މާސްކު އެޅުމުން އިސްތިސްނާވާ ބަޔަކު އުޅެއެވެ. އެއީ އުމުރުން ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި އެހެން މީހެއްގެ އެހީއާ ނުލާ މާސްކު އަޅާއި މާސްކު ނުނެގޭ މީހުންގެ އިތުރުން ކަސްރަތު ކުރުމަށް ނިކުމެ އުޅޭ ވަގުތު ކަސްރަތު ކުރާ މީހުންނެވެ.
މާސްކު އަޅާއިރު، މާސްކުގައި ވަކި ސިފަތަކެއް ހުންނަން ޖެހެއެވެ. އެއީ އަމިއްލަ ރައްކާތެރި ކަމަށްޓަކައި ހުރުން ލާޒިމް ސިފަތަކެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.