ރ. ދުވާފަރުން 3 އަހަރުގެ ކުއްޖެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ބުނީ ދުވާފަރުން އުމުރުން ތިން އަހަރުގެ ކުޑަ ކުއްޖެއް ފޮޒިޓިވްވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއީ އެ ރަށުގައި ފުރަބަންދު ކަރަންޓީން މުއްދަތް ފުރިހަމަ ކުރުމަށްފަހު ޓެސްޓު ކުރި ކުއްޖެކެވެ.

މިއަދު ވަނީ ދުވާފަރުން އިތުރު މީހަކު ވެސް ޕޮޒިޓިވް ވެފައެވެ.

މީގެ ކުރިންވެސް ދުވާފަރު ހޯމް ކަރަންޓީން ފުރިހަމަ ކުރި ބަޔަކު ވަނީ ޕޮޒިޓިވްވެފައެވެ. އެގޮތުން ރ. ދުވާފަރުގައި ހޯމަ ކަރަންޓީންގައި ބެހެއްޓުމަށްފަހު އެޗްޕީއޭއިން ނެގެޓިވް ކަމަށް ބުނެ ދެ ދުވަސް ކުރިން ދޫކޮށްލި ތިން މީހަކު ޕޮޒިޓިވްކަން ހާމަވެފައިވަނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހުއެވެ.

މިހާރު މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 23 ރަށެއްގައެވެ. އެއީ ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ރ. ދުވާފަރު، ރ. ކިނޮޅަސް، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6660 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 4113 އަށް ވަނީ އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 24 މީހަކު ވަނީ މަރުވެފައެވެ.