ރ. ކިނޮޅަހުން ކޮވިޑް-19އަށް މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ބުނީ ޕޮޒިޓިވްވެފައިވަނީ އުމުރުން 53 އަހަރުގެ ފިލިޕީސްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.

މިއީ ކިނޮޅަހުން ޕޮޒިޓިވް ކޭސްތައް ފެނުން ފުރަތަމަ ފަހަރެވެ.

މިހާރު މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 23 ރަށެއްގައެވެ. އެއީ ހދ. ނާވައިދޫ، ހދ.ކުރިނބި، ނ. މިލަދޫ، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ރ. ދުވާފަރު، ބ. ކަމަދޫ، ޅ. ހިންނަވަރު، ޅ. ނައިފަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. ގުޅި، އދ. މާމިގިލި، އދ. އޮމަދޫ، ފ. ނިލަންދޫ، ވ. ކެޔޮދޫ، ވ. ތިނަދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، އަދި އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫއެވެ.

ރާއްޖޭގައި ކޮވިޑް ހަލުވި ކަމާއެކު ފެތުރެމުންދާއިރު އިއްޔެވެސް 96 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 6660 އަށް އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު 4113 އަށް ވަނީ އަރާފައެވެ. މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 24 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި 5 ބިދޭސީންނެވެ.